ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިރާގުން މަރުވި މީހުންގެ އަދަދު ދިހަ ހާހަށް އަރައިފިއެވެ.

އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ދިހަ ހާހަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވިކަމަށް ރެކޯޑް ކުރެވިފައިވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިރާގުން އިއްޔެ އެކަނިވެސް އިތުރު 51 މީހަކު ހިމެނޭހެން ކޮވިޑް ބަލީގައި މިހާތަނަށް ޖުމްލަ 10,021 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އިރާގަށް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އެޤައުމުން މި ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދުތަކަށް ވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ އިތުރު 3,857 މީހަކު ހިމެނޭހެން އިރާގުން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 413,215 އަށް އަރާފައެވެ.

އިރާގަކީ ދުނިޔެއިން 15 ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި މި ބަލީގައި ދުނިޔެއިން 19 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 347,000 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. ނަމަވެސް މިވަގުތު ފަރުވާދެމުންދާ ބައިލައްކައަށްވުރެ ގިނަ މީހުންގެ ތެރެއިން 400 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

40 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރާގުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެޤައުމުން ކޮވިޑް-19 ފެނުނު ފަހުން މި ބަލި ފެތުރޭ މިންވަރު ފާއިތުވެދިޔަ ދުވަސްތަކުގައި އިތުރުވެފައި ވަނީ، ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ގިނަ ފިޔަވަޅުތަކަށް ލުއިދިނުމުންނެވެ.