ޔޫއޭއީގައި އުފައްދާ ކޮވިޑް-19 ގެ ވެކްސިން، އެޤައުމުގެ ފޮރިން މިނިސްޓަރ، ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އަށް ދީފިއެވެ.

ހުކުރު ދުވަހު މިކަން ހާމަކުރައްވާ ޝެއިޚް އަބްދުﷲ ވަނީ ވެކްސިން ދިން ވަގުތު ނަގާފައިވާ ފޮޓޯއެއް މީސްމީޑީއާގައި އާންމުކުރައްވާފައެވެ. އެ ފޮޓޯ އާންމު ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 ގެ ވެކްސިނަކީ އާންމު ދުރުއުޅުމަކަށް އެނބުރި ދެވެން އޮތް ހަމައެކަނި މަގު ކަމަށެވެ.

ޝެއިޚް އަބްދުﷲ އަށް ދީފައިވާ ކޮވިޑް-19 ގެ ވެކްސިނަކީ ޔޫއޭއީގައި އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިންގެ މަސައްކަތް ކުރަމުން ދަނީ ޔޫއޭއީ އާއި ޗައިނާގެ ސައިންސްވެރިން ގުޅިގެންނެވެ. އެޤައުމުގައި މި ވެކްސިން ތަހުލީލު ކުރުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ހުއްދަ ދޫކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޔޫއޭއީގައި އިމަޖެންސީ ހާލަތްތަކުގައި ވެކްސިން ދޭން ނިންމި ފަރާތްތަކުގެ ތެރޭގައި ކޮވިޑް-19 ގެ ހިރާސް ބޮޑު (ހައި ރިސްކް) މީހުންނާއި، ބަލީގައި ހާލު ބޮޑުވާ މީހުންގެ އިތުރުން އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުން ހިމެނެއެވެ. އެޤައުމުގެ ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑީޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެފައި ވަނީ، ވެކްސިން ދިނުމުގައި ޤައުމުގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އިސް ބޭފުޅުންނަށް އިސްކަން ދެވޭނެ ކަމަށާއި، ބަލީގެ ނުރައްކާ އެންމެ ބޮޑީ އެފަދަ ބޭފުޅުންނަށް ކަމަށެވެ.

ޔޫއޭއީގެ ކޮވިޑް-19 ވެކްސިނަކީ ހުރިހާ އުސޫލުތަކާއި އެއްގޮތަށް ތައްޔާރުކުރެވިފައިވާ ވެކްސިނެއް ކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި ވެކްސިން އެންމެ ފުރަތަމަ ދިން ބޭފުޅުންގެ ތެރޭގައި ޔޫއޭއީގެ ހެލްތު މިނިސްޓަރ، އަބްދުއްރަހްމާން އަލް-އުވައިސް ހިމެނިވަޑައިގަންނަވައެވެ.

ޔޫއޭއީގެ ވެކްސިންގެ ތަހުލީލުތަކުގައި ބައިވެރިވުމަށް ދުނިޔޭގެ 125 ޤައުމަކަށް ނިސްބަތްވާ 31,000 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަދި މިވެކްސިން މިހާތަނަށް ގިނަ ބަޔަކަށް ދީފައި ވާއިރު، އޭގެތެރެއިން އެއްވެސް މީހަކަށް ނުރައްކާތެރި ހާލަތެއް މެދުވެރިނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ޔޫއޭއީން އުފައްދާ ވެކްސިން ޚާއްސަ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވީނަމަވެސް، އާންމުކޮށް އެޤައުމުގައި ބޭނުންކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެއެވެ. އޮފިޝަލުން ބުނާގޮތުން މިހާރު ކުރިޔަށް ދަނީ ވެކްސިން ދޭން ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.