ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޑޮނަލްޑް ޓްރަމްޕް އިންޑިއާ އަށް އެއްޗެހި ކިޔުމުން އޭނާގެ ވާދަވެރިޔާ ޖޯ ބައިޑެން އެކަމަށް ފާޑު ކިޔައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ދެ ކެނޑިޑޭޓުންގެ މެދުގައި އޮތް ބަހުސެއްގެ ތެރެއިން ޓްރަމްޕް ވަނީ އިންޑިއާގެ ވައި ފަކުރު ގަންނަ ވަރަށް ތަގައްޔަރުވެފައިވާ ކަމަށް ބުނެފައެވެ. ޓްރަމްޕް މިފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަނީ ދުނިޔޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.

”ނިކަން ބަލާ ޗައިނާ އަށް، ކިހައި ވައި ނުސާފު ތޯ. ނިކަން ބަލާ ރަޝިޔާ އަށް. ބަލާ އިންޑިއާ އަށް. އިންޑިއާގެ ވައި އޮތީ ފަކުރު ގަންނަވަރު ހާލެއްގައި“ ޓްރަމްޕް ބުނެފައިވެއެވެ.

ނޮވެމްބަރު 3 ގައި އޮތް އިންތިހާބުގެ ކުރިން ބޭއްވި ފަހު ބަހުސްގައި ޓްރަމްޕް މިހެން ބުނުމާއި އެކު އޭގެ ދެ ދުވަސް ފަހުން ޖޯ ބައިޑެން އެކަމަށް ފާޑުކިޔައި ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެއީ އެމެރިކާގެ ރަހުމަތްތެރިންނާއި މެދު ވާހަކަ ދައްކަންވީ ގޮތެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް ވާހަކަ ދައްކައިގެން މިފަދަ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.

ބައިޑެން އިތުރަށް ބުނެފައި ވަނީ އެމެރިކާ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ބައިޑެންގެ ސަރުކާރެއްގައި އިތުރައް ވަރުގަދަ ކުރާނެ ކަމަށެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އިންތިހާބު ކާމިޔާބު ކުރާނީ ބައިޑެން އެވެ. ނަމަވެސް، އެންމެ ފަހުން އިންތިހާބުގައިވެސް ތަފާސް ހިސާބުތައް ޓްރަމްޕާއި ދެކޮޅަށް ދައްކާފައި ވަނިކޮށް އޭނާ ވަނީ އިންތިހާބު ކާމިޔާބު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.