ޢީރާނުން ނިއުކްލިޔާ ބޮން އުފައްދާ އާފެސިލިޓީއެއް ޤާއިމުކުރަމުންދާކަން ސެޓެލައިޓް ފޮޓޯތައް މެދުވެރިކޮށް ހާމަވެއްޖެ އެވެ.

އެޤައުމުގައި ނިއުކްލިޔާ ބޮން އުފެއްދުން މަނާކޮށްފައި އޮތްވާ އެފަދަ ނުރައްކާތެރި ބޮންތައް އުފައްދާ ފެސިލިޓީއެއް ތަރައްޤީ ކުރަމުން ގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް މިބުނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވެފައިވާ ދަނޑިވަޅެކެވެ. ނޮވެމްބަރު 3 ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަމުގެ އިތުރު ދައުރެއް ކާމިޔާބުކުރަން މަސައްކަތް ކުރަމުން ގެންދާ ޓްރަމްޕް ގެންދަނީ އީރާނުން ނިއުކްލިއާ ހަކަތަ ތަރައްޤީ ކުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުވަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ ކުރީކޮޅު ޢީރާނާއި އެމެރިކާގެ ކޯޅުންތައް ހަމައިންނެއްޓި ހަނގުރާމައަކަށް ނުގޮސް އޮތީ ކިރިޔާ އެވެ. އދ.ގެ ނިއުކްލިޔާ އެޖެންސީ އިންވެސް ވަނީ ޢީރާނުން އެޤައުމުގެ ތެޙްރާނުގައި ބިމުގެ އަޑީގައި ނިއުކްލިޔާ ހަތިޔާރު އުފައްދާ ފެސިލިޓީއެއް ޤާއިމް ކުރާކަމަށް ބުނެފައެވެ. މި ފެސިލިޓީ ޢީރާނުގައި ޤާއިމުކުރަނީ އެޤައުމުގައި ހުރި މިފަދަ ފެސިލިޓީއެއް ޖުލައި މަހުގައި ހަލާކުވުމާއި ގުޅިގެންނެވެ.

އޮގަސްޓު މަހުން ފެށިގެން ޢީރާނުގައި އަޅަމުންދާ ނިއުކްލިޔާ ހަތިޔާރު އުފައްދާ ފެސިލިޓީއަށް ދިއުމަށް މަގުތައް ހަދަމުން އަންނަ ކަމަށްވެސް އެމެރިކާގެ ސެންފްރެންސިސްކޯގައި ޤާއިމުކޮށްގައިވާ ޕްލެނެޓް ލެވްސް އިން މަޢުލޫމާތު ދެއެވެ. އެމެރިކާގެ އެޖެންސީ އާއި ހަވާލާދީ މީޑިޔާއިން ބުނީ ޢީރާނުގައި އިމާރާތް ކުރަމުންދާ ފެސިލިޓީ ބިމުގެ އަޑިީގައި ހެދުމަށް އަދިވެސް އިތުރަށް ކޮންނަމުންދާ ކަމަށެވެ.

އީރާނުން ނިއުކްލިއާ ބޮން އުފައްދާ ފެސިލިޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާކަން ސެޓްލައިޓް ފޮޓޯތައް ދެއްކުމަށްފަހު މީޑިއާތަކުން ރިޕޯޓް ކުރިނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް އީރާނުން އެއްވެސް އެއްޗެއް ނުބުނެއެވެ.