ގްރީސްއާއި ތުރުކީވިލާތް ހިމެނޭ ސަރަހައްދަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް ތިން އަހަރުގެ އަންހެން ކުއްޖަކު ދެ ދުވަހަށްވުރެ ގިނަ ދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.

އެ ހާދިސާގައި ތުރުކީވިލާތުގެ އިޒްމިރުގެ އެތައް އިމާރާތެއް ބިމާ ހަމަވިއެވެ.

"ސީއެންއެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެކުއްޖާ ސަލާމަތްކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި، އެކުއްޖާގެ މަންމައާއި، އެކުއްޖާ އާއި އެއްބަނޑު އެހެން ކުއްޖެއް ވަނީ އިއްޔެގެ ވަގުތެއްގައި ސަލާމާތްކޮށްފައެވެ. އެ އާއިލާގައި ދެން ހުރި ކުއްޖާ ވަނީ އެ ހާދިސާގައި މަރުވެފައެވެ.

މި ހާދިސާގައި އިޒްމިރުގެ 20 ވުރެ ގިނަ އިމާރާތް ބިމާއި ހަމަވިއިރު، ނުފެންނަ މީހުން ހޯދުމުގެ މަސައްކަތްތައް ކަމާއި ގުޅުންހުރި އިދާރާތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ތުރުކީ އާއި ގްރީސްއަށް އައި އެ ބިންހެލުމުގެ ސަބަބުން ސުނާމީވެސް އަރާފައި ވެއެވެ. ސުނާމީގެ ސަބަބުން އަންހެނަކު ގެނބިގެން މަރުވިއެވެ.

ހުކުރު ދުވަހުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 700 އާއި ގާތްކުރާ އަދަދަކަށް މީހުންނަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލަފައި ވާއިރު، 214 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ރެކްޓާ މިންގަނޑުން 7.0 ގެ ބާރު މިނުގައި އައި ބިންހެލުމަށްފަހު 850 ފަހަރެއްގެ މަތިން އެކި ވަރުގެ ލޮޅުންތައް އައިސްފާވާ ކަމަށްވެސް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.