ފަލަސްޠީނުން އދ ގެ ދެ ޖަމުޢިއްޔާއެއްގެ މެންބަރަކަށް ވެއްޖެއެވެ.

އދ ގެ ޖެނީވާގައި ހިންގާ ޓްރޭޑް އޯގަނައިޒޭޝަން، ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ) އާއި ވިއެނާގައި ހިންގާ އދގެ ސިނާއީ ތަރައްޤީގެ ޖަމުޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަން (ޔޫއެންއައިޑީއޯ) އޭގެ މެންބަރު ކަން ފަލަސްތީނަށް ވަނީ ލިބިފައެވެ.

ފަލަސްޠީނުން މި ދެ ޖަމިއްޔާއާއި ގުޅުމުން އެ ޖަމުޢިއްޔާތަކަށް އެމެރިކާއިން ދޭ އެހީވެސް ކަނޑާލާނެ ކަމަށް ވަނީ ބެލެވިފައެވެ.

އަދި އދ ގެ ކެމިކަލް ހަތިޔަރާއި ދެކޮޅަށް އެކުލަވާލާފައިވާ، އދގެ ކޮންވެންޝަން އޮން ޕްރޮހިބިޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫޒް އޮފް ކެމިކަލް ވެޕަންސް ގައިވެސް ފަލަސްތީނުން ވަނީ ބައިވެރިވެފައެވެ.

މި ޖަމިއްޔާތަކާއި ގުޅުމާއެކު އދގެ އެކިއެކި ޖަމުޢިއްޔާތަކާއި ކޮންވެންޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަލަސްޠީނަށް ލިބިގެންވެއެވެ. ފަލަސްތީނަކީ މީގެ ކުރިން އދގެ އޮބްޒަރވަރ ސްޓޭޓެކެވެ.

މި ޖަމިޔާތަކުގެ މެންބަރުކަން ފަލަސްތީނަށް ލިބިފައި މިވަނީ ގުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ފަލަސްތީނުގެ ޣައްޒާގައި ވަރުގަދަ މުޒާހާރާތަކެއް ކޮށް އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތަކެއް ވެސް ދީފައި ވަނިކޮށެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 62 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެން މައްޗަށް އަރައެވެ.

ހޯމަ ދުވަހު ދޭންފެށި މި ޙަމަލާތަކުގައި އަންހެން ކުއްޖަކު ހިމެނޭގޮތަށް ޖުމްލަ މިހާތަނަށް ހަ ކުއްޖަކު ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުގެ މި އަމަލު ދުނިޔޭގެ ބޮޑު ބާރުތަކުން ވަނީ ކުށްވެރިކޮށްފައެވެ.