މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށް ބެލެވޭ މީހުންތަކެއް ސްރީލަންކާގެ މަގެއްގެ މަތިން ފެނިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފިއެވެ. ލަންކާގެ މީޑިއާތަކުން ބުނީ، ލަންކާގައި ކޮޮވިޑް-19 ޖެހިގެން މަގުމަތީގައި މަރުވެފައި އޮއްވާ ފެނުނީ އެންމެ މީހެއް ކަމަށެވެ.

އެފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވަމުންދާ ކަމަށް ލަންކާގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ލަންކާގެ ނިއުސް ފަސްޓް ލަންކާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މަރުވެގެން ލަންކާގައި މަގުމައްޗަށް ވެއްޓިފައި ތިބި މީހުންތަކެއް ފެނިގެން އުޅޭ ކަމަށް މީސް މީޑިއާގައި ދެކެވެމުންދާ ވާހަަކަތައް ސީއައިޑީން ބަލަމުންދާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނާއި ހަވާލާދީ ލަންކާގެ ނިއުސް ފަސްޓް ލަންކާގައި ބުނެފައި ވަނީ، ކޮވިޑް-19 ޖެހިގެން މަގުމަތީގައި މަރުވެފައި އޮއްވާ ފެނުނީ އެންމެ މީހެއް ކަމަށެވެ. އަދި އެ މީހާއަކީ ގެދޮރު ނެތް މީހެއް ކަމަށްވެސް ބުނެފައި ވެެއެވެ.

އަދި އޭނާ ވަނީ އެފަދަ ދޮގު މައުލޫމާތުތައް ހިއްސާ ނުކުރުމަށް އެދިފައެވެ.

ކޮލަންބޯ ގެޒެޓް ނޫހުގައި ބުނެފައިވާގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ޗައިނާގެ ވޫހާންގައި ކޮވިޑް-19 ފެތުރެމުން ދިޔައިރު ނަގާފައިވާ ވީޑިއޯ އެކެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، ކޮވިޑް-19 ޖެހިގެން ބިންމައްޗަށް ވެއްޓި މީހުން މަރުވާ ކަމުގެ އެއްވެސް ތެދު ރިޕޯޓެއް އަދި ނެތް ކަމަށެވެ.

މިހާރު ފުލުހުން ދަނީ ކޮވިޑް-19 ޖެހިގެން މަރުވެގެން ބިންމައްޗަށް ވެއްޓިފައި ތިބި ބައެއް ކަމަށް ބުނެ މީސް މީޑިއާގައި ދޮގު މައުލޫމާތު އާއްމު ކުރި މީހާ ހޯދުުގެ މަސައްކަތް ކުރަމުންނެވެ.

ދާދި ފަހަކުން ފެށިގެން އަނެއްކާ ލަންކާގައި ވަނީ ކޮވިޑް-19 ފެތުރެން ފަށާފައެެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 15723އަށް އަރާފައެވެ. އަދި އެ ގައުމުގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 48 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު