އީރާނުން މިއަދު ކޮވިޑް-19 ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އީރާނުން ވަނީ 461 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިއަދަކީ ކޮވިޑް-19 ޖެހިގެން މިހާތަނަށް އީރާނުން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މިއަދު އީރާނުން ވަނީ 11737 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އީރާނުން 11517 މީހަކު ފައްސިވިއެވެ. ބުދަ ދުވަހު އީރާނުން 11780 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

އީރާނުން މިހާތަނަށް 738,322 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 40,582 މީހަކު ވަނީ މަރުވެފައެވެ. އީރާންގެ އޮފިޝަލުން ބުނާ ގޮތުގައި އެގައުމުގައި މިހާރު ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން 5630 މީހުންގެ ހާލު ސީރިއަސް އެވެ.

ސެޕްޓެމްބަރ މަހުގެ ދެވަނަ ހަފްތާއަށް ފަހު އީރާނުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އީރާންގެ ހާލަތައް ބަލާފައި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އީރާނަށް މިހާރު ވަނީ ކޮވިޑް-19 ތިން ވަނަ ރާޅެއް އަރާފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އީރާންގެ ހާލަތު ފުރަތަމަ ގޯސްވާން ފެށީ މާޗް މަހު އެގައުމުން ކޮވިޑް-19 އަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު ހަތަރުހާހާއި ގާތް ކުރިއެވެ. ނަމަވެސް އެއަށްފަހު ކޮންމެވެސް ވަރަކަށް ހާލަތު ރަނގަޅު ވުމަށް ފަހު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދެން އިތުރުވާން ފެށީ މެއި މަހުއެވެ.

ޖޫން މަހާއި ޖުލައި މަހު ވެސް އީރާނުން ދުވާލަކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އެވްރެޖްކޮށް ހުރީ 4000 އަށް ވުރެ ދަށުގައެވެ. އޮގަސްޓް މަހު އަނެއްކާވެސް ހާލަތު ރަނގަޅު ވާން ފެށިއެވެ. ނަމަވެސް ސެޕްޓެމްބަރ މަހުގެ ދެވަނަ ހަފްތާއަށް ފަހު މިހާރު ވަނީ ކުރިއަށްވުރެ މާބޮޑަށް އީރާންގެ ހާލަތު ގޯސްވެފައެވެ.

ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް އީރާނުން ވެސް އަންނަނީ ކުރަމުންނެވެ. އީރާންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ވެސް އީރާންގެ ސައިންސްވެރިން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު