ފަހުން ވާނެގޮތެއް އެކަކަށް ނޭންގޭނެ ކަމަށާއި އެމެރިކާގެ ރައީސްގެ ގޮތުގައި ވައިޓް ހައުސްގައި ކުރިއަށް އޮތް ދައުރުގައި ހުންނާނެ ވެރިޔަކު އެނގޭނީ ޖަނަވަރީ މަހު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ތަކުރާރުކޮށް ދެކޮޅު ހެދުމަށްފަހު ޓްރަމްޕް ރޭ ބުނީ "ހުރިކާމެއް ވެސް ބުނެދޭނީ ވަގުތު. ކަންކަން ވާނެ ގޮތެއް ނޭންގޭނެ. ވަގުތު ޖެހުމުން ކަންކަން ސާފުވާނެ." ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ބޭހެއް އުފައްދަން އެމެރިކާ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ "އޮޕަރޭޝަން ވާޕް ސްޕީޑް" އާއި ގުޅޭ ގޮތުން ރޭ ވާހަކަދައްކަމުން ޓްރަމްޕް ބުނީ އޭނާގެ ސަރުކާރަކުން އެމެރިކާ ފުރަބަންދު ނުކުރާނެ ކަމަށެވެ.

ޓްރަމްޕް ވަނީ ކޮވިޑް-19 އަށް ފައިޒާ އާއި ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން އަކީ އޭނާ ފެށި "އޮޕަރޭޝަން ވާޕް ސްޕީޑް"ގެ ނަތީޖާ ކަމަށް ރޭ ބުނެފައެވެ. ނަމަވެސް ފައިޒާ އާއި ބައޯއެންޓެކްގެ ވެކްސިން ތަރައްޤީ ކުރަން އެމެރިކާ ސަރުކާރުން ކުރިން ފައިސާ ހުށެހެޅުމުން އެދެކުންފުނިން ވަނީ ފައިސާގައި ހިފަން ދެކޮޅު ހަދާފައެވެ. އެދެކުންފުނީގެ ވެކްސިން ތައްޔާރު ކޮށްފައި ވަނީ އެމެރިކާ ސަރުކާރުގެ އެއްވެސް އެހީއެއް އަދި އެއްވެސް ބައިވެރިވުމެއް ވެސް ނެތިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޖޯ ބައިޑެން ވަނީ 306 އިލެކްޓޯރަލް ވޯޓް ކާމިޔާބު ކޮށްފައެވެ. ޓްރަމްޕް އަށް ކާމިޔާބު ކުރެވުނީ 232 އިލެކްޓޯރަލް ވޯޓެވެ. އިލެކްޓޯރަލް ވޯޓް ކާމިޔާބުކުރި ކެންޑިޑޭޓުންގެ އިލެކްޓާސް ވޯޓް ލުން އޮންނާނީ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. ބައިޑަން އާއި ޓްރަމްޕްގެ ފަރާތުން ވެސް މި ވޯޓް ލާނީ ޕާޓީއަށް އެންމެ ވަފާތެރި މީހުންނެވެ. އެހެންކަމުން ޕާޓީގެ ކެންޑިޑޭޓް ފިޔަވައި އެހެން ކެންޑިޑޭޓަކަށް ވޯޓް ލުން އެއީ މުސްތަހީއްލު ކަމެކެވެ. އެމެރިކާގެ ކޮންގްރެސް އިން އިލެކްޓާސްގެ ވޯޓް ގުނުމަށްފަހު ނަތީޖާ އިއުލާން ކުރާނީ ޖަނަވަރީ 06 ވަނަ ދުވަހުއެވެ. އެމެރިކާގެ ރައީސް ކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު މުޅިން ރަސްމީ ވާނީ އެހައި ހިސާބުންނެވެ.

އެމެރިކާގެ އާރައީސް ހުވާކޮށް މަގާމާއި ހަވާލުވާނީ ޖަނަވަރީ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިހާކުރުކުޑޭ

    ތިބުނީ ހަމަތެދެއް! އެކަކަށްވެސްނޭގޭނެ ވާން ހުންނަކަމެއް! ބޮޑަށް ހީވަނީ ޓުރަމްޕުގެ ކާފަ ހެންވެރިކަމުގެ ހުވާކުރާނީ ؟؟

    12
  2. އ . ޖ . އ

    ހާދަ ހެޔޮވިސްނެޔޭ

    10