ކޮވިޑް-19 އަށް ވެކްސިނެއް ހޯދުނު ނަމަވެސް ވެކްސިން އުފެއްދުމާއި އުފައްދާ ވެކްސިން އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމާއި ވެކްސިން ޖެހުން އެއީ މިހާތަނަށް ދުނިޔޭގައި ކުރިއަށް ގެންދަން ޖެހޭނެ އެންމެ ބޮޑު އޮޕަރޭޝަނަށް އަދި އެންމެ ގޮންޖެހުން ބޮޑު އޮޕަރޭޝަނަށް ވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެހެންކަމުން އެކަންކަމަށް އެކި ގައުމުތަކުން ދަނީ ތައްޔާރުވަމުންނެވެ. ހާއްސަކޮށް ޗައިނާ އިން މިހާރު ގެންދަނީ ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ލޮޖިސްޓް ގޮތުން ކުރަން ޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ޗައިނާ އިން އުފައްދާ ކޮވިޑް-19 ވެކްސިންތައް އެކި ތަންތަނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޗައިނާގެ އެންމެ ވަރުގަދަ ލޮޖިސްޓިކް ކުންފުނި އެސްއެފް އެކްސްޕްރެސް އިންނެވެ. އެކުންފުނިން ވަނީ ޗައިނާގެ އެތެރޭގެ އަވަށްތަކަށާއި އަދި އެހެން ގައުމުތަކަށް ވެސް ކޮވިޑް-19 ވެކްސިން އުފުލުމުގެ ހުރިހާ މަސައްކަތަކާއި މިހާރު ހަވާލު ވެފައެވެ.

އެސްއެފް އެކްސްޕްރެސް އިން ބުނާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ކާމިޔާބުވާ ހިސާބުން ދެން ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ ވެކްސިން އެކި ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށް ވާތީ އެކަމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަށް ވޭނުންވާ އެކި ވަސީލަތްތަކާއި އިންފްރާސްޓަކްޗާ ތައްޔާރުކޮށް ބައެއް ކަންކަން ޓެސްޓް ވެސް ކޮށްފައެވެ.

އެސްއެފް އެކްސްޕްރެސް އިން މިހާރު ވަނީ ވެކްސިން އުފެއްދުމަށް ހާއްސަ 200 ވެހިކަލް ހޯދާފައެވެ. އެއީ ކޯލްޑް ސްޓޯރޭޖް ގާއިމު ކޮށްފައި ހުންނަ ވެކްސިން އުފުލުމަށް ހާއްސަ ވެހިކަލްތަކެވެ. މީގެ އިތުރުން ޗައިނާގެ 11 ސިޓީއެއްގައި ކޮވިޑް-19 ވެކްސިން ރައްކާތެރިކޮށް ބަހައްޓާނެ ކޯލްޑް ސްޓޯރޭޖްތައް ވެސް މިހާރު ގާއިމު ކޮށްފިއެވެ.

ޗައިނާގެ އިންޓަނޭޝަނަލް މެރިން ކޮންޓޭނާސް (އޭއައިއެމްސީ) އިން މިހާރު ވަނީ ވެކްސިން އެކި ގައުމުތަކަށް ގެންދިއުމަށް ބޭނުންވާ ހާއްސަ ކޮންޓޭނަރުތައް އުފައްދާފައެވެ. އެއީ ވެކްސިން ފިނިކޮށްފައި ބެހެއްޓޭނެ ކޮންޓޭނަރުތަކެކެވެ. އަދި ކޮންޓޭނަރުތައް ޓްރެކް ކުރެވޭނެ ވަސީލަތްތައް ވެސް އެ ކޮންޓޭނަރުތަކުގައި ވަނީ ހަރުކޮށްފައެވެ.

ޗައިނާގެ ފެޑްރޭޝަން އޮފް ލޮޖިސްޓިކް އެންޑް ޕާޗޭސިން އެކްސްޕާޓްސް އިން މިހާރު ވަނީ ވެކްސިން އެކި ތަންތަނަށް ޑެލިވަރީ ކުރާއިރު ރެގިއުލޭޓް ކުރުމަށް ކުރަން ޖެހޭ ކަންކަމަށް ވެސް ތައްޔާރު ވެފައެވެ.

ކޮވިޑް-19 އަށް ޗައިނާ އިން އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ބައެއް ވެކްސިން މިމަހުގެ ތެރޭގައި އާއްމުކޮށް ބޭނުން ކުރަން ފެށޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާސިދާ

    ނޫން އިންޑިޔާ އާ ހަވާލުކުރޭ