ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ތަޖުރިބާކާރުންނަށް އެއްބަސްވެވުނު ކަމަކީ މިބަލިމަޑުކަމުން އަރައިގަނެވެން އޮތީ ވެކްސިނެއް ލިބިގެން ކަމަށެވެ. އަވަހަށް ވެކްސިނެއް ފޯރުކޮށްދިނުމަށް ބޭސް އުފައްދާ ކުންފުނިތަކުންނާއި ސަރުކާރުތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 15 އަހަރުން ކުރެވޭ މަސައްކަތް މިވަނީ އެއް އަހަރު ނުވަނީސް ކުރެވިފައެވެ. އާއްމު ގޮތެއްގައި ވެކްސިނެއް އުފައްދާ، ތަހްލީލްކޮށް އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް 15 ވަރަކަށް އަހަރު ދުވަހުގެ މުއްދަތެއް ނަގައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރު އެތައް ކުންފުންޏަކުން ކުރަމުން ދާއިރު ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި 54 ވެކްސިނެއް މިހާރު ވެސް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަމުން އެބަގެންދެއެވެ. މިހާރު ތަހްލީލްތައް އެންމެ ބޮޑަށް ނިންމާފައި މިވަނީ އެމެރިކާގެ ފައިޒާ އާއި މޮޑާނާ އިންނެވެ. ދެން ޗައިނާގެ ސިނޯވެކް އިންނެވެ.

އެެމެރިކާގެ ދެވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަށް އެދި އެމެރިކާގެ އެފްޑީއޭއަށް މާދަމާ ހުށަހަޅާއެވެ. އެމެރިކާގެ އެފްޑީއޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި "ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި" އެމަޖެންސީ ހާލަތުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދޭނެއެވެ. އެހެންކަމުން މިމަސް ނިމުމުގެ ކުރިން މޮޑާނާ އާއި ފައިޒާގެ ވެކްސިނަށް އެމެރިކާ އިން ހުއްދަ ދެނެ ކަމަށް ބެލެވެއެވެ.

ޗައިނާގެ ސިނޯވެކްގެ ވެކްސިން ވެސް އޮތީ ތަހްލީލްތައް ނިމުމުގެ މަރުހަލާގައެވެ. ބެލެވޭ ގޮތުގައި މިމަސް ނިމުމުގެ ކުރިން އެވެކްސިނަށް ވެސް ޗައިނާގެ އިދާރާތަކުން ހުއްދަ ދޭނެއެވެ.

އެހެންކަމުން ޔަގީންކަމާއި އެކު މިހާރު ބުނަން އެނގޭ އެއްޗަކީ ކޮވިޑް-19 އަށް ވެކްސިނެއް ލިބުން ދެން އޮތީ ވަރަށް ކައިރީގައެވެ. ނަމަވެސް މިހާރު އޮތް ސުވާލަކީ ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ނަމަވެސް މިބަލިމަޑުކަމުން އަރައިގަނެ އާއްމު ހާލަތަކަށް ދެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ނަމަވެސް ވެކްސިން ފޯރުކޮށްދިނުން އެއީ ފަސޭހަ ކަމެއް ނޫނެވެ. ވެކްސިން އާއްމުންނަށް ފޯރުކޮށްދިނުމަށް ގޮންޖެހުން ބޮޑު އެތައް މަސައްކަތެއް ކުރަން ޖެހޭނެއެވެ. ވެކްސިން އުފުލަން ބޭނުންވާ ޓެމްޕަރޭޗާގައި ވެކްސިން އުފުލުމާއި ވެކްސިން ރައްކާކޮށްފައި ވެހެއްޓުން އެއީ ފަސޭހަ ކަމެއް ނޫނެވެ.

ގިނަ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ދުނިޔެ އަށް ދިމާވެފައިވާ ހާލަތުން އެންމެ އަވަހަށް ވެސް އަރައިގަނެ އާއްމު ހާލަތަކަށް ދެވޭނީ އަންނަ އަހަރުގެ ދެވަނަ ކްއާޓާގައެވެ. އެހެންކަމުން ދުނިޔެ އާއްމު ހާލަތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުންނެވެ. ބައެއް ތަޖުރިބާކާރުން ދަނީ އާއްމު ހާލަތަކަށް ދުނިޔެ އަންނަން އެއަށްވުރެ ވެސް ދިގު މުއްދަތެއް ނަގާފާނެ ކަމަށް ބުނަމުންނެވެ.

ޔަގީނުން ވެސް ގިނަ ގައުމުތަކުގެ މުޅި އާބާދީއަށް ނުވަތަ އާބާދީގެ %70 އަށް ވެކްސިން ދެވޭނީ އަންނަ އަހަރުގެ ފަހުކޮޅުއެވެ.

މިކަންކަން މިހެން ހުރުމުން ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ނަމަވެސް އަދި އެއީ ބަލިމަޑުކަމުން އަރައި ގަނެވުނީ ކަމަށް ބެލެވޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޑަހުވަދޫ ބެއްޔާ

    ކޮންމެ ކަމަކުންވެސް ސަލާމަތްވެވޭނީ ﷲ ރަހުމަތުން. ހެޑިން ލިޔެލި އިރުވެސްﷲ ރަހުމަތުން ވެކްސިން ލިބެން ކައިރިވެއްޖެ، ބަލިމަޑުކަމުން ސަލާމަތްވުން އޮތީ ކައިރީގަތަ އިންޝާ ﷲ ... މިހެން ޖަހާލިނަމަ އަޅެ....

    • ސްނޭޕް

      މިއުޅޭ ނޫސްވެރިންނޭ ކިޔާ މީހުން މުސީބާތުގެ ވަގުތުގަ ބިރުވެރިކަން އުފެއްދުން ނޫން ކަމެއް ކުރިބާ