އޮކްސްފޯޑް ޔުނިވަސިޓީ އާއި އިނގިރޭސިވިލާތުގެ ބޭސް އުފައްދާ ކުންފުނީ އެސްޓްރާޒެނެކާ ގުޅިގެން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން އެވްރެޖް ގޮތެއްގައި %70 ރައްކާތެރިކަން ލިބޭ ކަމަށާއި އަދި ވެކްސިންގެ ޑެޑޯޒް ހަމަކުރުމުން %90 އަށް ރައްކާތެރިކަން ލިބޭނެކަމަށް އެސްޓްރާޒެނެކާ އިން ބުނެފިއެވެ.

އެސްޓްރާޒެނެކާގެ ޗީފް އެގްޒެކެޓިވް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 އަށް އެކުންފުނިން އުފެއްދި ވެކްސިނަކީ ރައްކާތެރި، އަދި ފުރިހަމަ ނަތީޖާއެއް ނެރެވޭ ވެކްސިނެއްކަން ކަށަވަރު ކުރެވިފައިވާކަމަށާއި މިއީ މިހާރު ނުރައްކާތެރި ހާލަތެއްގައި އޮތް ދުނިޔެ ބޮޑު ބަލިމަޑުކަމުން އަރައިގަތުމަށް ބޮޑު އެހީއެއް ވެދޭނެ ވެކްސިނެއް ކަމަށެވެ.

އެސްޓްރާޒެނެކާ އިން ބުނީ މިވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދައަށް އެދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިނާއި ގުޅޭ ލިޔުންތައް ޑަބްލިއުއެޗްއޯއަށް ހުށަހެޅޭ ވަރުވާނެއެވެ. އެހެންކަމުން މިއީ ވެކްސިނެއް ހޯދުމަށް ކުަމުން އަންނަ މަސައްކަތައް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އޮކްސްފޯޑް އާއި އެސްޓްރާޒެނެކާގެ ވެކްސިންގެ އަގު މިހާރު ރައްކާތެރިކަން ކަށަވަރު ވެފައިވާ ފައިޒާ އާއި މޮޑާނާގެ ވެކްސިނަށްވުރެ މާބޮޑަށް އަގުހެޔޮ ވާނެއެވެ. އެސްޓްރާޒެނެކާގެ ވެކްސިންގެ އަގު ތިން ޕައުންޑުގައި އުޅޭ އިރު ފައިޒާގެ ވެކްސިންގެ އަގަކީ 15 ޕައުންޑަށްވުރެ ބޮޑު ވާނެއެވެ. އަދި މޮޑާނާގެ ވެކްސިންގެ އަގު 25 ޕައުންޑަށްވުރެ ބޮޑުވާނެ ކަމަށް ބެލެވެއެވެ. އޮކްސްފޯޑް އާއި އެސްޓްރާޒެނެކާގެ ވެކްސިން އަގުހެޔޮވެފައި ވަނީ މިވެކްސިން އުފެއްދުމުގައި ބޭނުން ކުރަނީ މިހާރު ވެސް ބޭނުންކުރާ ޓެކްނޮލޮޖީއަކަށްވާތީ އެވެ.

އެސްޓްރާޒެނެކާ އިން އަމާޒު ހިފާފައި ވަނީ އަންނަ އަހަރު ނިމުމުގެ ކުރިން ތިން ބިލިއަން ޑޯޒްގެ ވެކްސިން ބާޒާރަށް ނެރުމަށެވެ.

މިއީ ކުދި އަދި މެފުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކަށް ވަރަށް އަވަހަށް ލިބިދާނެ ކަމަށް އުއްމީދު ކުރެވޭ ވެންސިނެކެވެ.

ކިޔުންތެރިންގެ ހިޔާލު