ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އިއްޔެ ކޮވިޑް-19 ޖެހިގެން ދުނިޔެއިން ރެކޯޑު އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ ދުނިޔެ އިން 11713 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އިއްޔެއަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިއްޔެ ވެސް 543000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 60.1 މިލިއަނަށް އަރާފައެވެ. ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 1.4 މިލިއަނަށް އަރައެވެ.

އިއްޔެ ވެސް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ އަދި އެންމެ ގިނަ މީހުން މަރުވީ އެމެރިކާ އިންނެވެ. އިއްޔެ އެމެރިކާއިން 17500 އަށް ވުރެ ގިނަ މީހުން ފައްސިވެ 2194 މީހުން ވަނީ މަރުވެފައެވެ. އެމެރިކާ ފިޔަވައި އިއްޔެ އެންމެ ގިނަ މީހުން ދެން މަރުވީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން އިއްޔެ 853 މީހުން މަރުވިއެވެ. ބްރެޒިލް އާއި އިނގިރޭސިވިލާތުން ވެސް އިއްޔެ ވަނީ 600 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ގިނަ ގައުމުތަކުގައި އަޅާފައި އޮތް ފިޔަވަޅުތަކަށް ލުއިތައް ދިނުމުން ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ގިނަ ގައުމުތަކުން މިހާރު ބުނަމުން ދަނީ މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައި ގަނެވޭނީ ކޮވިޑް-19 އަށް ވެކްސިނެއް ލިބިގެން ކަމަށެވެ. އެންމެ އަވަހަށް ވެސް ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނެ ކަމަށް ބެލެވެނީ އަންނަ ޑިސެމްބަރ މަހު އެވެ.