އީރާންގެ އެންމެ އިސް އެއްނިއުކްލިއާ ސައިންސްވެރިޔާ ކަމަށްވާ މުހުސިން ފަޚުރިއްޒާދީ އަވަހާރަކޮށްލުމުގެ "އޮޕަރޭޝަންގައި" ޖުމްލަ 62 މީހުން ބައިވެރިވި ކަމަށް ބުނާ ރިޕޯޓެއް ލީކް ކޮށްލައިފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މުހުސިން އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވީ 12 މީހެކެވެ. ނަމަވެސް އިތުރު 50 މީހަކު ވަނީ "ލޮޖިސްޓިކް ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމުގައި ބައިވެރިވެފައި" ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އެރިޕޯޓްގައި ބުނާ ގޮތުގައި މުހުސިން އަވަހާރަކޮށްލުމުގައި ތަމްރީން ލިބިފައި ތިބި ހަނގުރާމަވެރިން ބައިވެރިވިއެވެ. އޭގެތެރޭގައި ސްނައިޕަރުން ވެސް ހިމެނެއެވެ.

މުހުސިން އަވަހާރަކޮށްލަން އޭނާގެ މޮޓޯކޭޑަށް ހަމަލާ ދީފައި ވަނީ އީރާންގެ ވެރިރަށް ތެހެރާންގެ އިރުމަތިން 50 ވަރަކަށް މޭލު ދުރުން މޮޓޯކޭޑް ދުއްވާފައި ދަނިކޮށެވެ. ހަމަލާ ދިނީ އަބްސާދް ނަމަކަށް ކިޔާ ސިޓީގައެވެ.

މުހުސިން އަވަހާރަކޮށްލަން ހަމަލާދިން މީހުން ތިބީ މުހުސިން ދަތުރު ކުރައްވަން ހަމަޖެހިފައި އޮތް މަގުގައި މާކުރިން ފެށިގެން މަޑުކޮށްގެންނެވެ. މުހުސިންގެ މޮޓޯކޭޑަށް ހަމަލާ ދިނުމަށްފަހު ކާރުގެ ތެރެއިން މުހުސިން ނެރެ އޭނާގެ ހަށިގަނޑަށް ބަޑި ވެސް ޖެހިއެވެ. އެއީ މުހުސިން އަވަހާރަކޮށްލެވުނު ކަން ކަށަވަރު ކުރުމުގެ ގޮތުން ކުރިކަމެއް ކަމަށް ވެސް ލީކް ކޮށްލާފައިވާ ރިޕޯޓްގައި ބުނެފައި ވެއެވެ.

މުހުސިންގެ މަރާއި ގުޅިގެން އީރާނުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ނަމަވެސް މިއޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް އަދި އީރާނުން ކަށަވަރުކޮށެއް ނުދެއެވެ.

އީރާނުން ތުހުމަތު ކުރާ ގޮތުގައި މުހުސިން އަވަހާރަކޮށްލާފައި ވަނީ އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑުންނެވެ. އެމެރިކާގެ ސަލާމަތާއި ބެހޭ ދެއޮފިޝަލަކު ވެސް ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެމެރިކާގެ ނިއުޔޯކް ޓައިމްސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އީރާންގެ ސައިންސްވެރިޔާ މުހުސިން އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ އިސްރާއީލުންނެވެ.

މުހުސިންގެ މަރާއި ގުޅިގެން އިސްރާއީލަށް ކުރާ ތުހުމަތުތައް އިސްރާއީލުން ދޮގެއް ނުކުރެއެވެ. އިސްރާއީލްގެ އޮފިޝަލުންނާއި މީޑިއާތަކުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އިސްރާއީލުން ބުނެފައި ވަނީ ތުހުމަތުތަކަށް އެއްވެސް ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށެވެ.

އިސްރާއީލުން މީގެ ކުރިން ވެސް ވަނީ އެތައް ގައުމެއްގެ މުސްލިމް ސައިންސްވެރިންނާއި އިލްމުވެރިން އަވަހާރަކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ މީހާ

    އިޒްރޭލުގެ މި ފިނޑި އަމަލަށް ރަނގަޅު ރަ އްދެ އް ދޭންވާނެ

    62
    2
  2. ރިހާކުރުކުޑޭ

    މިފަހަރުމި އޮތީ އިސްރާ އީލާ އި އެމީހުންނަށް ވާގިވެރިވާ މުނާފިގުންހޭ އާރުވާލަންޖެހިފަ!

    56
    2