ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ އާ ވައްތަރެއްގެ ސަބަބުން މިހަފްތާގެ ތެރޭގައި ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޔޮޝިހީޑް ސޫގަ ވިދާޅުވެއްޖެ އެވެ.

އާ އަހަރާއި ދިމާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ބޮޑުވަޒީރު ވިދާޅުވެފައި ވަނީ ކުއްލި ހާލަތު އިއުލާން ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިއުލާން ކުރާނީ ޓޯކިޔޯ އާއި ޖެހިގެން އޮންނަ ޗީބާ، ސައިއްތަމާ އަދި ކަނަގަވާ ގައި ކަމަށެވެ.

ވޭދަނަތައް އިތުރުވަމުން އަންނާތީ މި ހަތަރު ސިޓީގެ ގަވާނަރުންވެސް ވަނީ އަވަހަށް ކުއްލި ހާލަތު އިއުލާނު ކުރުމަށް ގޮވާލާފައެވެ.

"ހާލަތު ޖެހިއްޖެނަމަ، ސެލްފް ޑިފެންސްގެ މެޑިކަލް ސްޓާފުން ނެރެލަން އަޅުގަނޑުމެން ފަހެއް ނުޖެހޭނެ" ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެ ސޫގަ ވިދާޅުވިއެވެ.

ކުއްލި ހާލަތު އިއުލާން ކުރުމާއި ބެހޭ ގޮތުން ވާހަކަ ދެއްކި ނަމަވެސް، އިއުލާން ކުރާނީ ކޮން ދުވަހަކު ކަމާއި އޭގެ ސަބަބުން އަޅާނެ ފިޔަވަޅުތައްވެސް ހާމަ ކޮށްފައެއް ނުވެއެވެ. މީގެ ކުރިން ޖަޕާނުގައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. އޭރު އެގައުމުގައި ބައެއް ވިޔަފާރި ތަކާއި ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ.

ޖަޕާނުން މިހާތަނަށް ކޮވިޑް-19 ގެ 3،150 އާ ވޭދަނަތަކެއް ފެނިފައިވާއިރު، އެގައުމުން އިތުރު 51 މީޙަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. މިއާއި އެކީ އެގައުމުން ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު 244،559 އަށް ވަނީ އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،612 އަށް އަރާފައެވެ.