އުމްރާގެ އަޅުކަމަށް މިސްރުގެ 16 މީހަކު ގޮވައިގެން މައްކާއަށް ދިޔަ ބަހެއް ފުރޮޅާލައި، ބަހުން ދަތުރު ކުރި ބަޔަކު ނިޔާވެއްޖެ އެވެ.

މިސްރުގެ ފޮރިން މިނިސްޓްރީން ވަނީ، މި ހާދިސާގައި ނިޔާވި މީހުން އަދަދު ކަށަވަރު ނުވާ ކަމަށް ބުނެފައެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ޓަބުކް ސިޓީ ކައިރިންނެވެ. އެ މީހުން ނިޔާވެފައި ވަނީ އުމްރާގެ އަޅުކަމަށް ދިޔަ މަގުމަތީގައެވެ.

"ޖިއްދާގައި ހުންނަ މިސްރުގެ ކޮންސިއުލޭޓުން ވަނީ މި ހާދިސާ ވަރަށް ގާތުން ބަލަމުން، އަަދި ސައުދީގެ ކަމާއި ގުޅުން ހުރި އިދާރާތަކާއި ވާހަކައްދައްކައިގެން،އެ މީހުން އެނބުރި ގައުމަށް ގެނެވޭނެ ގޮތެއް ހެދޭތޯ ދަނީ ބަލަމުން". މިސްރުގެ އޮފިޝަލަކު ބުނެފައި ވެއެވެ.

ކޮވިޑް-19 އާ ހެދި އުމްރާގެ އަޅުކަން ހަތް މަހަށް މެދު ކަނޑާލިއެވެ. އެހެން ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު ހާއްސަ ޕްލޭނެއްގެ ދަށުން އުމްރާގެ އަޅުކަމަށް ހުއްދަތައް ދަނީ ދެމުންނެވެ.