އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް ހުރި ދިވެއްސަކު މިއަދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިއްޖެ އެވެ.

ސާބިތު ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ހުރި ފާތިމަތު ވަހީދާ، ނޫވިލާ/ހއ. ހޯރަފުށި ގެއްލިގެން އެ ގްރޫޕުން މިއަދު ހެނދުނު ވަނީ ފޭސްބުކްގައި އޭނާގެ ފޮޓޯއާ އެކު ޕޯސްޓެއް ކޮށްފަ އެވެ. އޭގެ ދެތިން ގަޑިއިރު ފަހުން އެ ޖަމާއަތުން ވަނީ އޭނާ ފެނިފައިވާ ކަމަށް ބުނެފައެވެ.

އޭނާ ފެނުނީ ކޮންތަނަކުން ކަމެއް ޖަމާއަތުން ހާމައެއް ނުކުރެ އެވެ.

އުމްރާ ގްރޫޕުން އެންމެ ފުރަތަމަ ބުނި ގޮތުގައި ފާތިމަތު ވަހީދާ ގެއްލިގެން ހޯދަން ފެށީ މޯބައިލް ފޯން، ކާޑު އަދި ދަބަސް ކޮޓަރީގައި ބޭއްވުމަށް ފަހު އާއިލާގެ އެހެން މީހުންނާ އެކު ދަމުނަމާދަށް ގޮސް އުޅުމުގެ ތެރޭގައި އާއިލާގެ މެންބަރުންނާ ދުރަށް ދިއުމަށް ފަހު، އެނބުރި ހޮޓަލަށް ގޮސްފައި ނުވާތީ އެވެ.