ބަހްރައިންގެ އެއް އާއިލާއެއްގެ 31 މެންބަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އެ ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި 14 ކުޑަކުދިން ހިމެނެއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، އެ އާއިލާ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އެ ބަލި ޖެހިފައިވާ ބަޔަކާއި ގާތްކޮށް އުޅުމުން ކަމަށެވެ. އަދި އެ މިހުން ނޭޝަނަލް މެޑިކަލް ޓާސްކް ފޯސް އިން އެކުލަވާފައިވާ ކޮވިޑް-19އަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް ބޯލަނބާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

"ދާދި ފަހުން ހަދަން ފެށި ޕީސާއާރް ޓެސްޓުތަކުން އެނގިގެން މި ދަނީ ފައްސިވަމުންދާ މީހުންނަކީ ބައްޔަށް ފައްސިވެފައިވާ ވޭދަނަތަކާއި ގާތްކޮށް އުޅުނު މީހުންކަން". އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ މިނިސްޓްރީން ވަނީ ބަލީގެ ނުރައްކާތެރިކަމާއި ގުޅޭގޮތުން އިންޒާރު ދީފައެވެ. އަދި ބައްޔާއި ގުޅިގެން އަމަލު ކުރަން އަންގާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އެގޮތުން އާއިލާ އެންމެން އެއްތަންވުް މަދު ކުރުމަށާއި، މާސްކް އެޅުމަށާއި، އިޖްތިމާއީ ގައި ދުރުކަމަށް ސަމާލުކަް ދިނުމަށް އެދިފައި ވެއެވެ.

ބަހްރައިން އިން މިހާތަނަށް 93,995 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު