އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން، އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް އެމެރިކާގެ ކޮންގްރެސް އިން ނިންމަވައިފިއެވެ.

އެމެރިކާގެ ގާނޫނު އަސާސީގައި ވެސް ބަޔާން ކުރެވިފައި އޮންނަ ގޮތުން އެ ގައުމުގެ ކޮންގްރެސްގައި ސްޓޭޓްތަކުގެ މަންދޫބުން އިންތިހާބީ ރައީސްއަކު ކަނޑައަޅަން އެލެކްޓޯރަލް ވޯޓްދެއެވެ. އެކަމަކު މިއީ އެމެރިކާގެ ސަގާފަތުގައި އޮންނަ ކަމަށް ވާތީވެ ރަމްޒީ ކަމެއްގެ ގޮތުން ދެވޭ ވޯޓެކެވެ. ސްޓޭޓްތަކުގެ މަންދޫބުން ވޯޓް ދޭނީ އަބަދުވެސް އިންތިހާބުގައި ސްޓޭޓް ކާމިޔާބު ކުރާ ކެންޑިޑޭޓަކަށެވެ.

އެހެން ނަމަވެސް އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިންތިހާބު ބަލިވި ޕާޓީގެ ބައެއް މަންދޫބުން ވޯޓް ދިނުމަށް ދެކޮޅު ހަދާފައިވެއެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް އެތައް ދުވަހެއް ވަން ދެން ވާހަކަ ދައްކަމުން ދިޔަ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރަމުން ދިޔައީ ކޮންގްރެސްގެ ތެރެއިން އިންތިހާބުގެ ނަތީޖާ ކަށަވަރުނުވާ ކަމަށް ކަނޑައެޅުމަށެވެ. އެކަމަކު ޓްރަމްޕްއަށް ތާއީދުކޮށް ފުރަތަމަ ތިބީ ވެސް އެންމެ 12 މެންބަރުންނެވެ.

އެންމެ ފަހުން ކޮންގްރެސްގައި މި ވޯޓް ކުރިއަށް ދަނިކޮށް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ޓްރަމްޕް ވެސް ވާހަކަ ދެއްކުމާ ގުޅިގެން ފަހުން ރައީސް ޓްރަމްޕްއަށް ތާއީދު ކޮށްގެން ކޮންގްރެސްގައި ތިބީ އެންމެ ހަވަރަކަށް މެންބަރުންނެވެ.

މި ހަމަނުޖެހުންތަކަށް ފަހުގައި ވެސް އެމެރިކާގެ ކޮންގްރެސްގެ ވޯޓް ލުން ނިންމައި، އެ ގައުމުގެ ނައިބު ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި މައިކް ޕެންސް ވަނީ އިންތިހާބީ ރައީސް ޖޯ ބައިޑަންއާއި އިންތިހާބީ ނައިބު ރައީސާ ކަމަލާ ހައްރިސްއަކީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ގޮތުގައި ދެންމެ އިއުލާން ކުރައްވައިފައެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ރައީސް ޓްރަމްޕް ދެކޮޅު ހަދަމުންދާއިރު އޭނާގެ ވެރިކަން ނިމެން ދެ ހަފްތާ ދުވަހަށް ވެފައިވަނިކޮށް ހިނގި މި ހަމަނުޖެހުންތަކާ ގުޅިގެން ރައީސްގެ މަގާމުން ޓްރަމްޕް ދުރުކުރުމަށް އޭނާގެ ކެބިނެޓުގައި މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ވެސް މީޑިއީ ރިޕޯޓްތައް ބުނެއެވެ. މިއީ އެމެރިކާގެ ރައީސަކު ދުރުކުރަން އޮންނަ އެންމެ ފަސޭހަ ގާނޫނީ މަގަށް ވާއިރު މިހާތަނަށް ވެސް އެމެރިކާގެ ރައީސަކު މަގާމުން ދުރުކޮށްފައެއް ނުވެއެވެ.