ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނީ ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަންވިލާތުގައި ހުންނެވުމަށް ފަހު މިރޭ އަނބިކަނބަލުންނާއި އެކު ރަޝިއާ އަށް ވަޑައިގެންނެވިތަނުން އެއާޕޯޓުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފިއެވެ.

ނަވަލްނީ ޖަރުމަންވިލާތައް މިދިޔަ އަހަރު ގެންދިޔައީ ވިހައެއްގެ އަސަރުކޮށް ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމުންނެވެ. ޖަރުމަންވިލާތުގެ ހޮސްޕިޓަލެއްގައި މަހަކަށްވުރެ ގިނަ ދުވަހު ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ވިދާޅުވީ އޭނާ އަވަހާރަކޮށްލަން އުޅުނީ ރަޝިއާ ސަރުކާރުން ކަމަށެވެ. ނަމަވެސް ރަޝިއާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

ނަވަލްނީ ގައުމަށް ވަޑައިގަތުމާއި ދިމާކޮށް އޭނާއަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު މޮސްކޯގެ އެއާޕޯޓް ކައިރިއަށް އެއްވިއެވެ. ނަމަވެސް ފްލައިޓް އެންމެ ފަހުވަގުތު ޑައިވާޓްކޮށް ޖެއްސީ އެހެން އެއާޕޯޓެއްގައެވެ.

ނަވަލްނީ ހައްޔަރުކޮށްފައި ވަނީ 2014 ވަނަ އަހަރު އޭނާގެ މައްޗަށް އިއްވާފައި އޮތް ތިންއަހަރާއި ބައިގެ ޖަލު ޙުކުމެއް ތަންފީޒު ކުރަން ކަމަށް ބުނެއެވެ. އެޙުކުމް އޮތީ ފަސް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. ޙުކުމުގެ ފަސްއަހަރުގެ މުއްދަތު 2020 ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް ރަޝިއާގެ ފެޑްރަލް ޕެނިޝެންޓަރީ ސާވިސް އިން ޑިސެމްބަރ 28 ވަނަ ދުވަހު ބުނެފައި ވަނީ ނަވަލްނީ ވަނީ އުސޫލުތަކާއި ހިލާފުވެފައި ކަމަށާއި އެހެންވެ އޭނާގެ ޙުކުމުގެ ސަސްޕެންޝަން އުވާލަން ނިންމާފައިވާ ކަމަށެވެ.

ރަޝިއާއަށް ވަޑައިގަތުމަށް ދަތުރު ފެށުމުގެ ކުރިން ބާލިންގެ އެއާޕޯޓްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ނަވަލްނީ ވިދާޅުވީ އޭނާ ރަޝިއާ އަށް ވަޑައިގަންނަވަނީ ރަޝިއާއަށް ވަޑައިގެންފިނަމަ މައްސަލަތަކެއް އުފައްދައިގެން ވެސް އޭނާ ޖަލަށް ލާނެކަން އެނގިހުރެ ކަމަށެވެ. "އަޅުގަނޑު ބިރެއް ނުގަނޭ އަޅުގަނޑަށް ކޮންމެ ގޮތެއް ހެދިނަމަވެސް. އަދި އެހެން މީހުން ވެސް ބިރުނުގަނެ ކަންކަމާއި ކުރިމަތިލާން އަޅުގަނޑު ގޮވާލަން." ނަވަލްނީ ވިދާޅުވިއެވެ.

ނަވަލްނީ ހައްޔަރުކޮށް އޭނާގެ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށައިފިނަމަ ސެޕްޓެމްބަރ މަހު ރަޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އަންނައިރު ވެސް އޭނާ ހުންނަން ޖެހޭނީ ޖަލުގައެވެ.