ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 612 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއިން އިތުރު 612 މީހަކު މަރުވެފައިވާއިރު، ފާއިތުވި ހަފްތާ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 400 އިން މަތީގައެވެ. އެގޮތުން އިއްޔެވެސް އެގައުމުން 597 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުގައި ދައްކާގޮތުގައި އެގައުމުން ކޮވިޑް-19 ޖެހިގެން ޖުމްލަ 67،832 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިސެމްބަރު 24 ވަނަ ދުވައެވެ. އެދުވަހު އެގައުމުން 635 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

އެ ގައުމުން އިތުރު 21،887 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީވެސް ހަމަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,655،839 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 3،054،218 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 533،789 މީހަކަށެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ބަލި ވެގެން ނުވަތަ އައިސީޔުގައެވެ.