ކޮވިޑް-19 ޖެހޭ މީހުން އެންދުމަށް ސްރީލަންކާގައި ގެންގުޅޭ އުސޫލު ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އދ. އިން ބުނެފިއެވެ.

އދ. އިން މިފަދައިން ބުނެފައިވަނީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާލާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އދ. އިން ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާލުން ހުއްޓާލުމަށް ސްރީލަންކާގެ ސަރުކާރަށް ގޮވާލާފައެވެ. އަދި އެއީ އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނާއި އެހެން ބައެއް ދީންތަކުގެ މީހުންގެ ދީނާއި ފުށޫއަރާ ކަމެއްކަންވެސް އދ. އިން ވަނީ ފާހަގަކޮށްފައެވެ.

ސްރީލަންކާއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 270 މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން މުސްލިމުންގެ އަދަދު ގިނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މީގެ ކުރިން ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމަކީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފައެވެ. އެހެން ނަަމަވެސް މިދިޔަ މާޗް މަހުން ފެށިގެން ލަންކާއިން އަންނަނީ މި ބަލި ޖެހޭ މީހުންގެ ހަށިގަނޑުތައް އަންދާލަމުންނެވެ.

އދ. އިން ބުނީ، އެ ބަލީގައި މަރުވާ މީހުންގެ އާއިލާތަކާއި ދެކޮޅަށް އެމީހުންގެ ހަށިގަނޑުތައް އަންދާލުމަކީ އިންސާނިއްޔަތާއި ހިލާފު އަމަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ޤައުމުގައި އެކި ދީންތަކުގެ މެދުގައި އުފެދިފައި އޮންނަ ހިލާފުތަކާއި ރުޅިވެރިކަން އިތުރުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ލަންކާގެ ސަރުކާރުން އެގައުމުގައި ބަލި ޖެހޭ މީހުން އަންދާލަމުން އަންނައިރު، މީގެ ކުރިން ސައިންސްވެރިން ހޯދި ހޯދުންތަކުން މި ބަލީގައި މަރުވާ މީހާ ވަޅުލުމުން ފަސްގަނޑު، ނޫނީ އެހެން ގޮތަކަށްވެސް ބަލި ފެތުރޭކަމަކަށް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު