ޖޯންސަން އެންޑް ޖޯންސަން (ޖޭޖޭ) ވެކްސިންގެ އެއް ޑޯޒު ޖެހުމުން ކޮވިޑް-19 އިން މީހާ ރައްކާތެރި ކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މި ވެކްސިން އުފައްދާފައިވާ ކުންފުނިން ބުނެފައިވަނީ އެންމެ ފަހުން ޓެސްޓް ހަދާފައިވަނީ އެކި ގައުމުތަކުގައި ކަމަށާއި އޭގެ ނަތީޖާ ދައްކާގޮތުން 66 އިންސައްތަ، ބަލިން ރައްކާތެރިކޮށްދެއެވެ. އަދި ބަލީގެ އަލާމާތްތައްވެސް ފެނުން ކުޑަ ކޮށްދެއެވެ.

މީގެ ކުރިން ހަދާފައިވާ ޓެސްޓްތަކުގެ ނަތީޖާ ބުނާ ގޮތުގައި މި ވެކްސިންގެ އެންމެ ޑޯޒަކުން ޖެހައިގެން 85 އިންސައްތަ ބަލީގެ އެންމެ ނުރައްކާތެރި އަލާމާތްތަކުން ރައްކާތެރިކޮށްދެއެވެ.

ޖަންސެން ފާމަސޫޓިކަލްސް އާއި ބެތް އިސްރާއީލް ޑީކޯނެސް މެޑިކަލް ސެންޓަރު ގުޅިގެން އުފައްދާފައިވާ ޖޯންސަން އެންޑް ޖޯންސަން ވެކްސިނަކީ އެހެން ވެކްސިން ތަކާއި ތަފާތު ވެކްސިނެކެވެ. އެއީ އެހެން ވެކްސިންތަކުގައި 2 ޑޮޒު އެކި ހަފްތާއަށް ބަހާލައިގެން ޖަހާއިރު، މި ވެކްސިން ޖަހަން ޖެހެނީ އެންމެ އިންޖެކްޝަނަކުން ކަމަށް ވާތީއެވެ.

މީގެ އިތުރުން އެހާ ފިނި ތަނެއްގައި ނުގެންގުޅުނުސް އާންމުކޮށް ވެކްސިން ރައްކާކުރާ އުސޫލުން ފްރިޖަކަށް ލައިގެންވެސް ވެކްސިން ރައްކާކުރެވޭނެއެވެ.

މިވަގުތު މި ވެކްސިންގެ ޑޮޒެއް އުޅެނީ 7 އެމެރިކާ ޑޮލަރަށެވެ.

މި ވެކްސިން ކާމިޔާބު ކަމަށް ދައްކާތީ އިނގިރޭސިވިލާތުން ވަނީ 30 މިލިއަން ޑޯޒަށް މިވަގުތު އޯޑަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު