ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،474 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން އަންނަ އިރު، މެކްސިކޯއަކީ މި ބަލި އެންމެ ބޮޑަށް ފެތުރިފައި އޮތް އެއް ގައުމެވެ. އެ ގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން ވަނީ 171,234 މީހުން މަރުވެފައެވެ.

މިހާތަނަށް އެގައުމުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،803 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކޮވިޑް-19ގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން އިތުރު 10,677 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,968,566 އަށް އަރައިފައެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 22،339 އެވެ.

މެކްސިކޯގައި ބަލި ޖެހިގެން 1,528,304 މީހުން ރަނގަޅުވި އިރު، ބައްޔަށް ފަރުވާ ހޯދަނީ 269,028 މީހުންނެވެ. އޭގެ ތެރެއިން 4,798 މީހެއްގެ ހާލު ސީރިއަސްއެވެ.

މެކްސިކޯއަކީ ކޮވިޑް-19 ޖެހިގެން ތިން ވަނަ އަށް އެންމެ ގިނަ އިން މީހުން މަރުވި ގައުމެވެ. އަދި 13 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާތަނަށް 108 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 80 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.