ފަސެންޖަރުންނާއި އެކު ދަތުރު ކުރަމުން ގެންދިޔަ އީރާންގެ ފްލައިޓެއް ހައިޖެކް ކުރަން މީހަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާ، ފްލައިޓް ރައްކާތެރިކަމާއިއެކު އެއާޕޯޓެއްގައި ޖައްސައިފިއެވެ.

އީރާންގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނީ ހައިޖެކް ކުރަން މަސައްކަތް ކޮށްފައި ވަނީ އީރާންގެ އެއާލައިނެއް ކަމަށްވާ އެއާ އިރާންގެ ފްލައިޓެއް ކަމަށެވެ. ފްލައިޓް ހައިޖެކް ކުރަން މީހަކު މަސައްކަތް ކުރީ އަހްވާޒް ނަމަކަށް ކިޔާ ސިޓީން މަޝައްދު ނަމަކަށް ކިޔާ ސިޓީއަށް ފްލައިޓް ދަތުރުކުރަމުން ދަނިކޮށެވެ.

އީރާންގެ އަސްކަރިއްޔާ އިން ބުނީ ހައިޖެކަރު ޑިމާންޑް ކުރީ ފްލައިޓް ޕާޝަން ގަލްފް ސަރަހައްދަށް ޑައިވާޓް ކުރަން ކަމަށެވެ. ޑައިވާޓް ކުރަން ހައިޖެކަރު އެދުނު ސަރަހައްދުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ޕާޝަން ގަލްފަކީ ބަހްރޭން، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ހިމެނޭ ސަރަހައްދެވެ.

ފްލައިޓް ހައިޖެކް ކުރަން މަސައްކަތް ކުރި މީހާ ހުއްޓުވީ ކިހިނެއް ކަމެއް އީރާންގެ އަސްކަރިއްޔާ އިން ނުބުނެއެވެ.

އީރާންގެ މީޑިއާތަކުން ބުނާ ގޮތުގައި ހައިޖެކް ކުރަން އުޅުނު ފްލައިޓް ވަނީ ކުއްލި ހާލަތުގައި އިސްފަހާންގެ އެއާޕޯޓަށް ޖައްސާފައެވެ. ފްލައިޓް ހައިޖެކް ކުރަން އުޅުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ފްލައިޓް ހައިޖެކް ކުރަން އުޅުނު މީހާ ވަނީ މިހާރު ހައްޔަރުކޮށްފައި ކަމަށް އީރާނުން ބުނެއެވެ. އޭނާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ އެތެރޭގެ ދަތުރުތައް ކުރާ ފްލައިޓްތަކުގައި ހައިޖެކް ކުރުން ފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް އަބަދުވެސް ހަތިޔާރާއިއެކު ސިފައިން ތިބެއެވެ. ނަމަވެސް މިކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

މިއަދު ފްލައިޓެއް ހައިޖެކް ކުރަން މަސައްކަތް ކުރުމުން އީރާންގެ އެއާޕޯޓްތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.