ޕެރަގުއޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނެ އެގައުމުގެ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ، އެންމެފަހުން ވެރިކަން ވެސް ވެއްޓިދާނެކަމުގެ ބިރު ހީވުމުން ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވުމަށް ޕެރަގުއޭގެ ރައީސް މާރިއޯ އަބްދޯ ބެނީޓޭޒް ވަޒީރުންނަށް އަންގަވައިފިއެވެ.

ޕެރަގުއޭގެ ކޮމިއުނިކޭޝަން މިނިސްޓަރ ޖުއާން މެނުއެލް މީޑިއާއަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ސިޔާސީ ޕްރެޝަރުތަކާއި ގުޅިގެން ހުރިހާ ވަޒީރުން ވެސް އެބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ރައީސް މާރިއޯ ވަނީ އަންގާފައެވެ.

މާރިއޯގެ އެންގެވުމާއި އެއްގޮތައް މިއަދު ހުރިހާ ވަޒީރުން ވެސް މަގާމުތަކުން އިސްތިއުފާ ދެއްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މާރިއޯ ސަރުކާރަށް ދެން ގެންނަވާނެ ބަދަލުތައް މިއަދު އިއުލާން ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާއި ދެމެދު ހުކުރު ދުވަހު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ވެސް ހިނގާފައެވެ. ހުކުރު ދުވަހުގެ މުޒާހަރާތައް ހުއްޓުވަން ފުލުހުން ވަނީ ރަބަރު އުންޑަ ވެސް ބޭނުން ކޮށްފައެވެ.

ޕެރަގުއޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ވަނީ ހޮސްޕިޓަލްތައް ވެސް ފުރިފައެވެ. ހޮސްޕިޓަލްތަކުން ބޭސްތައް ވެސް ވަރަށް ބޮޑަށް މަދުވެ، ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއެވެ.

ޕެރަގުއޭގެ އިދިކޮޅު ޕާޓީން ވަނީ ރައީސް މާރިއޯ ވެސް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާފައެވެ.

ޕެރަގުއޭ އިން މިހާރު ވަނީ 170000 މީހުން ކޮވިޑަށް ފައްސިވެފައެވެ. އޭގެތެރެއިން 3294 މީހަކު ވަނީ މަރުވެފައެވެ. ޕެރަގުއޭ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ޕެރަގުއޭގައި މިހާރު ވަނީ ވެކްސިން ޖަހަން ފަށާފައެވެ. ނަމަވެސް އަދި ވެކްސިން ޖެހިފައި ވަނީ އާބާދީގެ އެންމެ %0.01 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަޙްމަދު

  މިޤައުމުގައި އޮތީ ކިހިނެއްތޯ! މަޖްލީހާއި ވަޒީރުން އިސްތިއުފާ ދޭކަށް ނުވޭތޯ؟

  18
  2
 2. ރޯދަމުބާރަކް!

  މި ގައުމުގެ ވެރިން ވިދާޅުވަނީ ގިނައިން ބަލިވީމާ ރަންގަޅުކަމަށް...!!!!

 3. ގަލަން ތުނޑު

  މިގައުމުވެސް އޮތީ ފެއިލް ވެފަ

  13
 4. އުނބުއާދަނު

  އެއީ 200 މިލިޔަން. މިއީ ބައިމިލިޔަން. އެތަނުން އެއްލައްކަ ހަތްދިހަހާސްމީހުނަށް ބަލިޖެހި 3294މީހުންމަރު. މިތަނުން ދެހާސްމީހުންނަށް ބަލިޖެހި 65މީހުންމަރު! ނިސްބަތުން ބަލާއިރު މިތަން އޮތީ މާ މަތީގަ! އަދިވެސް ޞާލިޙް އިސްތިޢުފާދޭކަށް ނުވޭތަ؟