ހާއްސަ ގަވާއިދަކާއި އެކު ވެކްސިން ޖަހާފައިވަާ މީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ގައުމުތަކުގެ ބޯޑަރު ހުޅުވާލަން ފަށައިފިއެވެ. މިހެން ދަތުރު ކުރެވޭނީ ކުޑަކުދިން ނުލައިކަން ފާހަގަ ކޮށްލެވެއެވެ.

މިހާތަނަށް އަދި ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ހުއްދަ ލިބިފައެއް ނުވެއެވެ. ކުޑަކުދިންނަށް ވެކްސިންދޭން ޖެހޭ ޑޯޒް ތަފާތުވުމުން، އެކުދިންނަށް ވެކްސިން ދިނުމުގެ ކުރިން ވެކްސިން ދޭނެ ގޮތް ދަނީ ބަލަމުންނެވެ.

އެގޮތުން، ސީޝެލްޒްއާއި އެސްޓޯނީއާއަށް ދަތުރުކުރާ މީހުން ވެކްސިން ޖަހާފައި ތިބިނަމަ ކަރަންޓީން ވާކަށް ނުޖެހެއެވެ. ގްރީސް އާއި ތައިލެންޑުގައި ވެސް ގަވާއިދެއްގެ ދަށުން ވެކްސިން ޖަހާފައިވާ މީހުންނަށް ދަތުރު ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ.

ގައުމު ތަކުގައި ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ދަތުރު ކުރެވޭއިރު، ސްލޮވީނީއާގެ ގަވާއިދުގައި އެތަނަށް ދެވޭގޮތަށް ހަމަޖެހިފައިވަނީ ޔޫރަޕްގައި ނުވަތަ އެމެރިކާގައި އުފެއްދި ވެކްސިނެއް ޖަހާފައިވާނަމަ އެކަންޏެވެ.

ސްލޮވީނީއާއަށް 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަރަންޓީނުނުވެ އަދި ޓެސްޓު ނުކޮށް ދެވޭނެގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ކުޑަކުދިންނަށް އެ ގައުމަށް ދަތުރު ކުރެވޭނީ ކަރަންޓީނުގައި ނެތް މީހަކަާއި އެކު ދަތުރުކުރާނަމަ ކަމަށް ސްލޮވީނީއާގެ އިންޓީރިއާ މިނިސްޓަރ ބުނެފިއެވެ.

ގިނަ ގައުމުތަކެއްގައި ބޯޑަރު ހުޅުވާލައިފައި ވަނީ ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ދަތުރު ކުރެވޭ ގޮތަށް ކަމަށް ވުމުން ކުޑަކުދިންނަށް އެ ފުރުސަތު ގެއްލިގެން ދެއެވެ. އާއިލާ އެއްކޮށް ދަތުރު ކުރަން ބޭނުންވާ މީހުންނަށް ދަތުރު ކުރެވޭނެ މަންޒިލެއްގެ ގޮތުގައި ރާއްޖެއާއި މެކްސިކޯ ހިމެނެއެވެ. މި ދެ ގައުމުގެ ބޯޑަރު ހުޅުވާލައިފައި ވަނީ އެންމެންނަށް ދަތުރު ކުރެވޭ ގޮތަށެވެ.