ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ވެލީގެ ތޫފާނެއް އަރާނެ ކަމުގެ އިންޒާރު ދީފިއެވެ.

ނޭޝަނަލް ސެންޓާ އޮފް މީޓިއޮރޮޖިކަލް (އެންސީއެމް) އިން ބުނީ މި ތޫފާނުގައި ވައި ގަދަވެ، ވެލިތައް މައްޗަށް އަރައިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. ވެލީގެ ތޫފާން އަރާނެ ކަމުގެ އިންޒާރާ އެކު ރީންދޫ ސަމާލު މިހާރު ވަނީ އެ ގައުމުގައި ނެރެފައެވެ.

މި ސަމާލު ނެރެފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10 އިން ފެށިގެން ރޭގަނޑު އަށެއްގެ ނިޔަލަށެވެ. ހަ ފޫޓުގެ އުސްމިނުގައި ރާޅު ނަގައި ކަނޑު ގަދަވާނެ ކަމުގެ އިންޒާރު ނެރެފައި ވަނީ މިއަދު ހެނދުނު ހަތަކުން ފެށިގެން މާދަމާގެ ހެނދުނު ހަތެއް ޖަހަންދެނެވެ.

އެންސީއެމް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގަދަ ވަޔާއި އެކު ވެލިތަށް މައްޗަށް އަރައިގެން ދިޔުމުން، 300 މީޓަރަށް ވުރެ ދުރަށް ނުފެންނާނެ ކަމަށް ލަފާކޮށްފައެވެ. އަދި އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ލަފާދީފައެވެ.