އިޓަލީގެ ވެރިކަންކުރާ ރޯމް ސިޓީގައި ހުންނަ ބިއޯ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލުގައި ކުއްތާ ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ތަނުގައި ކުއްތާތައް ތަމްރީނު ކުރަމުންދަނީ އިންސާނުން ދާހިއްލާފައި ހުންނަ ވަގުތު ވަސް ބަލައިގެން ކޮރޯނާވައިރަހުގެ އަސަރެއް ހުރިކަން ދެނެގަތުމަށެވެ.

މި ޕްރޮޖެކްޓުގައި މަސައްކަތް ކުރާ މީހުން ބުނެފައިވަނީ ބައިގިނަ ތަންތަނުގައި ކޮރޯނާވައިރަހުގެ އަސަރު ހުރިތޯ ބެލުމަށް ކުއްތާތައް ބޭނުން ކުރުމަކީ އަގުހެޔޮ ވެފައި ފަސޭހަ، އަދި އެހާމެ އަވަސް ގޮތެއް ކަމަށެވެ. ފުޓުބޯޅަ މެޗުތަކާއި، ޝޯ ތަކުގައި މިއީ ބޭނުން ހިފޭނެ ގޮތެއް ކަމުގައި ބުނެފައިވެއެވެެ.

މިހާރު ކޮވިޑް-19 ޓެސްޓު ކުރުމަށް ބޭނުން ކުރަނީ ޕީސީއާރް ޓެސްޓެވެ. ހާހެއްހައި މީހުން ތިބޭ ތަނެއްގައި ކޮވިޑް-19 ޓެސްޓު ކުރަން ޖެހިއްޖެ ނަމަ އެތައް ވަގުތެއް އެކަމަށް ދެއެވެ. ސްވެބް ބޭނުން ކޮށްގެން ޓެސްޓު ކުރެވެނީ މީހަކަށް 20 މިނެޓުން ކަމަށް ޕްރޮފެސާރ މައްސިމޯ ބުނެފައިވެއެވެ. ނަމަވެސް، ކުއްތާއެއް ވަސް ބަލައިގެން އަމިއްލަޔަށް ވައިރަސް އިހުސާސް ކުރުމަށް ނަގާނީ ގިނަ ވެގެން ތިރިސް ސިކުންތެވެ. ކުއްތާ ބޭނުން ކޮށްގެން މިހާރުވެސް ކެންސަރާއި، ހަކުރުބަލި، މެލޭރިއާ ފަދަ ބަލިތައް ހޯދާކަން ފާހަގަ ކުރެވެއެވެ.

ފިންލޭންޑާއި، ޖާމަނީ، ފްރާންސް އަދި ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ދިރާސާކުރާ މީހުން ދަނީ ކުއްތާ ބޭނުން ކޮށްގެން ކޮރޯނާވައިރަހުގެ އަސަރު ހުރިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ކުއްތާ ބޭނުން ކޮށްގެން ކުރާ ޓެސްޓާއި ޕީސީއާރް ޓެސްޓުގެ ނަތީޖާ ދިމާވޭތޯ ބަލައި، އިތުރު ތަހުލީލް ތަކެއް ކުރާނެއެވެ.