އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ބާއްވާ ތާރީހީ ސަމިޓަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރަށް ވަޑައިގަންފިއެވެ.

ސިންގަޕޫރުގެ ސަންޓޯސާ ރިސޯޓްގައި އޮންނަ އެ ބައްދަލުވުމަށް ކިމް ސިންގަޕޫރަށް ވަޑައިގެންފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ވެސް މިއަދު ގެ ވަގުތެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާނެއެވެ.
.
މީގެ ކުރިން މި ދެ ލީޑަރުން ބައްދަލު ކުރުމަށް އެއްބަސްވިއެވެ. ނަމަވެސް މެއި މަހު ބާއްވަން ރޭވި ބައްދަލުވުމަށް ޓްރަމްޕް ވަނީ ކޮރެއާއިން، ގޮތް ދޫނުކުރުމާއި ރުޅި އިސްކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް ވަޑައިނުގަންނަވާނެކަން އިއުލާނު ކުރައްވައިފައެވެ.

އެ ބައްދަލުވުން އަލުން ބޭއްވޭ ގޮތްވެފައި މި ވަނީ އޭގެ ފަހުން ކޮރެއާގެ އިސްނެގުމުގެ މަތިން ދެފަރާތުން ބޭއްވި ވާހަކަތަކަށްފަހުއެވެ.

ޓުރަމްޕް–ކިމް ގެ މި ތާރީހީ ބައްދަލުވުމުގައި އެމެރިކާއިން އެންމެ އިސްކަމެއް ދެނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮފްރާމް ހުއްޓުވުމެވެ.

އުތުރު ކޮރެއާގެ ކިބައިން ނިއުކުލިއާ ގާބިލުކަން ނިގުޅައިގަތުމަކީ އެމެރިކާ އާއި ބޮޑެތި ބާރުތަކުން ނުހަނު ބޭނުންވާ ކަމެކެވެ. އެމެރިކާ ބުނާ ގޮތުގައި އުތުރު ކޮރެއާ ވެސް މިހާރު އޮތީ އެ ވިސްނުމުގަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯ ވިދާޅުވި ގޮތުގައި ނިއުކްލިއާ ގާބިލުކަމާ ދުރަށް ދާން ކޮރެއާއިން ތައްޔާރަށް އޮތް ކަމުގެ ފެހި ސިގްނަލް ކިމް ވަނީ ދެއްވާފަ އެވެ. އެކަމަކު "ނިއުކުލިއާ ގާބިލުކަމާ ދުރަށް ދިއުން" ދެ ގައުމުން މާނަކުރަނީ އެއް ގޮތަކަށްތޯ އެއީ އަދި ޖަވާބު ނުލިބި އޮތް ސުވާލެއް ކަމަށް ވިދާޅުވި އެވެ.