އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮން އުންގެ އަންހެން ދަރިފުޅު، ކިމް ޖޫ-އައެޓޫ ލައިގެން ހުރި ޖެކެޓަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

"ވޮޝިންޓަން ޕޯސްޓް" ގައި ބުނެފައިވާ ގޮތުގައި އުމުރުން 10 އަހަރުގެ ކިމް ޖޫ ޖެކެޓެއް ލައިގެން ހުއްޓާ ގިނަ ބަޔަކަށް ފެނިފައިވަނީ މިދިޔަ ހަފްތާގައި އެގައުމުގައި އޮތް މިސައިލް ލޯންޗް ކުރުމުގެ ހަފްލާއަކަށް ބައްޕަ، ކިމް ޖޮން އުންއާއި އެކީ ގޮސް ހުއްޓައެވެ. އެފޮޓޯ ނަގާފައިވަނީ އުތުރު ކޮރެއާގެ މީޑިއާއަކުންނެވެ.

އާންމުވެފައިވާ ފޮޓޮއިން ފެނިގެން ދަނީ އޭނާ ކަޅު ކުލައިގެން ޖެކެޓެއް ލައިގެން ހުރި މަންޒަރެވެ.

އެފޮޓޯ މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކީ ގިނަ ބަޔަކު ބުނެފައިވަނީ އެއީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޑިއޯގެ އުފެއްދުމެއް ކަމަށެވެ. އަދި އެއީ އާންމުން ބުނާ ފަދައިން ޑިއޯގެ ޖެކެޓެއް ކަމަށް ދެކުނު ކޮރެއާގެ ޓީވީ ހޯސްޓަކު ވެސް ވަނީ ބުނެފައެވެ.

ފެޝަން ހައުސްގެ ވެބްސައިޓަކުން ދައްކާ ގޮތުގައި 10 އަހަރާއި 12 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ އެ ޖެކެޓުގެ އަގަކީ 2800 އެމެރިކާ ޑޮލަރެވެ.

މެޓްރޯ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކިމް ޖޮން އުންގެ ތިން ކުދިންގެ ތެރެއިން ކިމް ޖޫ އެންމެ ފަހުން ފެނިފައިވަނީ ވެސް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބޭއްވި މިސައިލް ލޯންޗު ހަފްލާއެއްގެ ތެރެއިންނެވެ. އަދި މިފަހަރު ވެސް އެފަދަ ހަފްލާއެއްގެ ތެރެއިން އޭނާ ފެނުމުން ގިނަ ބަޔަކު ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ.