އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދަރިއެއް ފުރަތަމަ ފަހަރަށް މީޑިއާ އަށް ފެނިއްޖެއެވެ. ކިމް ވަނީ ދާދިފަހުން އުތުރު ކޮރެއާ އިން ޓެސްޓް ކުރި ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލް ޓެސްޓް ކުރުމުގެ ކުރިން އަންހެން ދަރިފުޅާއިއެކު މިސައިލް ކައިރިއަށް ވަޑައިގެން މިސައިލް ބަލާލާފައެވެ.

ކިމް، އާއި އަންހެން ދަރިފުޅާއިއެކު ކިމްގެ އަނބިކަނބަލުން ރީ ސޮލް ވެސް މިސައިލް ޓެސްޓް ކުރުމުގެ ކަންކަން ބަލާލަން ވަޑައިގެންނެވިއެވެ.

ކިމް އާއި ރީގެ އަންހެން ދަރިފުޅުގެ ނަމަކީ ކިމް ޖޫ އެއީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖޫގެ އުމުރެއް ކަށަވަރެއް ނުވެއެވެ. ނަމަވެސް ލަފާކުރެވެނީ އެއީ އަދި 13 ވަރަކަށް އަހަރުގެ ކުއްޖެއް ކަމަށެވެ.

ބުނެވޭ ގޮތުގައި ކިމްގެ ތިން ދަރިން ތިބެއެވެ. އެއީ ޖޫގެ އިތުރުން އިތުރު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

މިސައިލެއް ޓެސްޓް ކުރުމުގެ ވަރަށް މުހިއްމު ހަރަކާތަކަށް ކިމް އޭނާގެ ދަރިފުޅު ޖޫ އާއިއެކު ވަޑައިގަތުމަކީ އުތުރު ކޮރެއާގެ ވެރިކަމަށް ޖޫ ތަމްރީން ކުރަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. ޖޫ ވެގެން ދާނީ ކިމްގެ އާއިލާގެ ހަތަރުވަނަ ޖީލަށެވެ. ކިމްގެ ކާފަ އާއި ބައްޕަ ވަނީ އުތުރު ކޮރެއާގެ ވެރިކަން ކޮށްފައެވެ.

އުތުރު ކޮރެއާގެ ގިނަ ކަންކަން ހިނގަނީ ވަރަށް ސިއްރުންނެވެ. މިހާރު ވެރިކަމުގައި ހުރި ކިމްގެ ސީދާ އުމުރު ވެސް ޔަގީން ކަމާއިއެކު ބުނާކަށް ނޭނގެއެވެ. ވެރިކަމަށް އައުމުގެ ކުރިން ކިމްގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތެއް ވެސް އެނގޭ މީހަކު ނެތެވެ.