ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވާން ޕްރިންސް ހެރީ އިނގިރޭސިވިލާތައް ހިނގައްޖެއެވެ.

އެމެރިކާގައި ދިރިއުޅުއްވާ ހެރީ އިނގިރޭސިވިލާތައް ދަތުރުކުރެއްވީ ލޮސް އެންޖެލިސް އިން ލަންޑަނަށް ދަތުރުކުރި ބްރިޓިޝް އެއާވޭސްގެ ފްލައިޓެއްގައެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހެރީ ހީތުރޯ އެއާޕޯޓުން ނިކުތް އިރު ފުލުހުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން ތިއްބެވެ. ރޭންޖް ރޯވާއެއްގައި ހެރީ ހީތުރޯ އެއާޕޯޓުން ނައްޓާލި މަންޒަރު ފެނުނު ކަމަށާއި ހެރީ ވަޑައިގެންފައި ވަނީ ކެނިސްޓަން ޕެލަސް އަށް ކަމަށް ބެލެވޭ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ.

ބަކިންހަމް ޕެލަސް އިން ވަނީ ހެރީ އިނގިރޭސިވިލާތައް ވަޑައިގެންފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އިނގިރޭސިވިލާތައް ވަޑައެއް ނުގަންނަވައެވެ. އެއީ މޭގަން މިވަގުތު އިންނެވީ ދެވަނަ ދަރިކަނބަލުންނަށް ބަލިވެ ކަމަށްވާތީ މިދުވަސްވަރު ދިގު ދަތުރެއް ކުރުން ރައްކާތެރިކަމަކަށް ނުވާނެތީއެވެ.

އެމެރިކާ އިން އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން އާއްމު އުސޫލުން ކަރަންޓީން ވާން ޖެހުނު ނަމަވެސް ހެރީ އަށް ކަރަންޓީންނުވެ ފިލިޕްގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ އުސޫލުތައް އޮންނަ ގޮތުން އެމެރިކާ އިން އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން ދަތުރު ފެށުމުގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ކޮވިޑް ނައްސި ސެޓްފިކެޓެއް އިނގިރޭސިވިލާތައް އެތެރެވާއިރު ގެންނަން ޖެހޭނެއެވެ. އަދި އިނގިރޭސިވިލާތައް އެތެރެވުމަށް ފަހު އިތުރު ދެފަހަރު ކޮވިޑަށް ޓެސްޓް ކުރަން ޖެހެއެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 17 ވަނަ ދުވަހު އެވެ. ޖަނާޒާގައި ބައިވެރިވާނީ 30 މީހުންނެވެ. އެއީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާއަށް ހެރީ އިނގިރޭސިވިލާތައް ގޮސްފައި ވާއިރު މިއީ ހެރީ އާއި މޭގަން ދާދިފަހުން ދިން އިންޓަވިއުގެ ސަބަބުން އުފެދުނު ނުތަނަވަސް ކަމަށްފަހު އާއިލާގެ މެންބަރުންނާއި ހެރީ މިގޮތައް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.