އެމެރިކާގެ އަންހެން ފުލުހަކު "އޮޅިގެން" ކަޅުނަސްލުގެ ޒުވާނެއްގެ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލައިގައި ފުލުސް އޮފިސަރުގެ މައްޗަށް ދައުވާކުރަން އެންމެ ފަހުން ނިންމައިފިއެވެ.

އުމުރުން 20 އަހަރުގެ ޑޫނަޓް ރައިޓް މަރުވީ ފުލުހަކު ޓީޒާގަން ކަމަށް ހީކޮށް ފިސްތޯލައިން ރައިޓްއަށް ހަމަލާދިނުމުންނެވެ. ކިމް ޕޮޓާ ނަމަކަށް ކިޔާ ފުލުސް އޮފިސަރު ބުނާ ގޮތުގައި އޭނާ އުޅުނީ ޓީޒާގަން އިން ރައިޓްއަށް ޝޮކެއް ދޭށެވެ. ނަމަވެސް ޓީޒާގަން ކަމަށް ހީކޮށް ނެގުނީ ފިސްތޯލަ ކަމަށާއި ފިސްތޯލައިން ރައިޓްއަށް ހަމަލާ ދެވުނީ ގަސްދުގައި ނޫންކަމަށް ކިމް ބުނެއެވެ.

ކިމްގެ މައްޗަށް ދައުވާ ކުރަން ނިންމާފައި މިވަނީ އޭނާގެ މައްޗަށް ދައުވާ ކުރަން ގޮވާލާ ގޮވާލުންތަކުގެ އަޑުގަދަވެފައި ވަނިކޮށެވެ. ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން ކިމްގެ މައްޗަށް ދައުވާ ކުރަން ނިންމީ ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވުމުންނެވެ.

ކިމް، ރައިޓްއަށް ހަމަލާ ދިނީ އޮޅިގެން ކަމަށް ބުނި ނަމަވެސް ގިނަ މީހުން އެކަން ގަބޫލެއް ނުކުރެއެވެ. ފުލުހުން ވެސް ބުނެފައިވާ ގޮތުގައި ކިމް އަކީ ޓީޒާގަން އާއި ފިސްތޯލަ ކުއްލި ހާލަތްތަކުގައި ވެސް ވަކިކުރަން އެނގޭ ވަރަށް ޓްރޭނިން ލިބިފައިވާ ފުލުހެކެވެ. އޭނާ ވަނީ އެހެން ފުލުހުން ޓްރޭނިން ކުރުމުގައި ވެސް ބައިވެރިވެފައެވެ.

ކިމްގެ މައްޗަށް އުފުލަން ނިންމާފައި ވަނީ އޭނާ ކުރި ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާއެވެ. ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް ފުލުހުންގެ ހަމަލާތައް އަމާޒުވެ މަރުވުމުގެ މައްސަލަތައް ވަރަށް ގިނައެވެ. ނަމަވެސް ވަރަށް މަދު ފަހަރެއްގައި ނޫނީ މިފަދަ މައްސަލަތަކުގައި ފުލުހުންގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.