ޖޯޖް ފްލޮއިޑް މަރާލި ފުލުސް އޮފިސަރުގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ޙުކުމް ކޮށްފިއެވެ.

އެމެރިކާގައި 2020 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ގެންދަން އުޅުމުގެ ތެރޭގައި ޑެރެކް ޗައުވިން ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން އިނުމުގެ ސަބަބުން ފްލޮއިޑް މަރުވެފައި ވާތީ ޗައުވިންގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ.

ޗައުވިންގެ މައްޗަށް އުފުލި ދައުވާތަކަކީ މީހަކު މަރާލުމުގެ ގަސްދު އޮވެގެން ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ އާއި މަރާލުމުގެ ގަސްދެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމާއި އަދި ކުރި ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާއެވެ.

ފްލޮއިޑް މަރާލި ފުލުސް އޮފސަރުގެ މައްޗަށް ކުށް ސާބިތުވުން މިއީ މިހާތަނަށް އެމެރިކާގައި ކަޅު ނަސްލުގެ މީހަކަށް މިވަރަށް ވެސް އިންސާފު ލިބުނު ފުރަތަމަ ފަހަރުކަމަށް ބުނެ އެމެރިކާގެ ގިނަ ސަރަހައްދުތަކެއްގައި ދަނީ އުފާފާޅުކުރަމުންނެވެ.

ޗައުވިންގެ މައްޗަށް ހަތަރު އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އޭނާގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް އެދުމުގެ ފުރުސަތު ވެސް ޕްރޮސެކިއުޓަރުންނަށް އެބައޮތެވެ. ޗައުވިންގެ މައްޗަށް އިއްވާނެ ހުކުމަކާއި ގުޅޭ ގޮތުން ވާހަކަދައްކާނީ ފަހުން ބާއްވާ އަޑުއެހުމެއްގައެވެ.

ޗައުވިން، 45، ގެ މައްޗަށް ފްލޮއިޑް މަރާލި މައްސަލައިގައި ދައުވާ ކޮށް ކޯޓަށް ހުށަހެޅުމާއި އެކު ތިން ހަފްތާގެ އަޑު އެހުން ކުރިޔަށް ދިޔައެވެ. މައްސަލައިގައި ކުރިޔަށް ދިޔައިރު ހެކިންގެ ގޮތުގައި 45 މީހުން ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި ފްލޮއިޑަށް ފަރުވާދިން ޑޮކްޓަރާއި، ޕޮލިސް އޮފިސަރުން ހިމެނެއެވެ.

ކޯޓަށް ވީޑިއޯއިން ފެނިގެން ދަނީ ޗައުވިން އަތުގައި ބިޑި އަޅުވާފައިވާ ފްލޮއިޑްގެ ކަރުގައި ކަކޫ އަޅައިގެން ނުވަ މިނެޓަށް ވުރެ ގިނައިރު އިންނަ މަންޒަރެެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހެވެ. ފްލޮއިޑް ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވަނީ ފިހާރަޔަކުން ސިނގިރޭޓު ގަނެ ފޭކް 20 ޑޮލަަރު ދިން މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ދެން މާދަމާ ދޫކޮށްލާ އޭނާއަކީ ނަފްސާނީ ބަލިޖެހިފައިވާ މީހެކޭ އޭނައަށް ޖޯޖްފެނުނީ ވަލުކުއްތާއެއްގެ ސިފާގައޭ ދެން އޭގެމައްޗަށްޗއޭނަ އަރާއޮތީއޭ.. އެއީ ގަސްދުގައި ކުރިކަމެއްނޫނޭ އޮޅުމެކޭ.. އޭރުން އެހެރީ އިންސާފް ލިބިފަ..

  2. ޝިޔާމް

    ގަސްތުގައި މީހަކު މަރާލީމާވެސް ހަތަރު އަހަރާއި ބާރަ އަހަރާއި ދޭތެރެ ޖަލު ހުކުމެއް.؟؟؟ ކީކޭ ބުނާނީ. މަރަށް އޮންނާނީ މަރު ވާރިޘުން މާފު ނުކުރާހާ ހިނދަކު.