އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ގައުމަށް މާޔޫސްކަން ވެރިވެފައިވަނިކޮށް އިންޑިއާއާ އެކުގައި ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) އިން ތިިބިކަން ދައްކާލުމުގެ ގޮތުން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާ އިންޑިއާ ދިދައިގެ ކުލަތަކުން ދިއްލާލައިފިއެވެ.

އިންޑިއާ ދިދައިގެ މަންޒަރުތަކުން ބުރުޖް ޚަލީފާ ދިއްލާލައިފައި ހުރި އިރު ވަރަށް ހިތްގައިމެވެ. ދިދައިގެ އިތުރުން އިންޑިއާއަށް ހިތްވަރު ދިނުމަށް "ސްޓޭ ސްޓްރޯންގް އިންޑިއާ" މި އިބާރާތް ލިޔެފައިވާ މަންޒަރުން ބުރުޖް ޚަލީފާގައި ވަނީ ދިއްލާލައިފައެވެ.

"އިންޑިއާ އިން ނޮވެލް ކޮރޯނާވައިރަހާ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި ޔޫއޭއީއިން އެދެނީ ރައްކާތެރިކަމާއި، ކެތްތެރިކަން ދެއްވާ ކާމިޔާބު މިންވަރުކުރެއްވުން. އަދި ބުރުޖް ޚަލީފާ އިންޑިއާއަށްޓަކައި ދިއްލާލައިފައި އެވަނީ ޔޫއޭއީ ހުރީ އިންޑިއާއާއި އެކުގައިކަން ދައްކައިދިނުމަށް" ޔޫއޭއީގައި ހުރި އިންޑިއާގެ އެމްބަސީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

މި ދަނޑިވަޅުގައި ޔޫއޭއީ އިން ދިން އެއްބާރުލުމަށް ޝުކުރުވެރިވާކަމަށް ޔޫއޭއީއަށް ހުންނަވާ އިންޑިއާ އެމްބަސީން ބުނެއެވެ.

ޔޫއޭއީއަށް އިންޑިއާއިން ދަތުރުކުރުން ވަނީ 10 ދުވަހަށް މެދުކަނޑާލައިފައެވެ. އިންޑިއާގައި ކޮވިޑް ހާލަތު ގޯސްވެފައިވާތީ ޔޫއޭއީގެ އިތުރުން އިނގިރޭސި ވިލާތާއި، ފްރާންސް، ޖާމަނީ، ނިއުޒިލެންޑް، ހޮންގް ކޮންގް، އޮމާން އަދި ޕާކިސްތާނުން ވެސް ވަނީ އިންޑިއާއަށް ދަތުރުކުރުން ހުއްޓާލައިފައެވެ.

ގިނަ ގައުމުތަކަކުން އިންޑިއާގެ ކޮވިޑް ހާލަތާ މެދު ހަމްދަރުދީވެ، އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ސައުދީ އަރަބިއާއިން އިންޑިއާއަށް 80 މެޓްރިން ޓަނުގެ އޮކްސިޖެން ފޮނުވާފައިވެއެވެ. އޭގެ އިތުރުން ޕާކިސްތާނުން އެމްބިއުލާންސްއާއި ވެންޓިލޭޓަރުތައް އަދި އޮކްސިޖެން ސަޕްލައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.