އިންޑިއާގައި ހަލުވިކަމާއެކީ ފެތުރެމުންދާ ކޮވިޑް-19 ގެ އާ ވައްތަރުގެ ދެ ވޭދަނަ ފިލިޕިންސުން ފެނިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި ކޮވިޑްގެ އާ ވައްތަރުގެ ދެ ވޭދަނަ އެ ގައުމުން ފެނިފައި ވަނީ މެދުއިރުމަތީގެ ގައުމަކުން ފިލިޕީންސް އަށް އައި ފިލިޕިންސްގެ ދެމީހެއްގެ ގައިންނެވެ.

އިންޑިޔާގައި ފެތުރޭ ކޮވިޑުގެ އާ ވައްތަރަށް ދީފައިވާ ނަމަކީ B.1.617 އެވެ.

ކޮވިޑުގެ އާ ވައްތަރުން ސަލާމަތް ވުމަށް ފިލިޕީންސް އިން ވަނީ ވަގުތީ ގޮތުން ބައެއް ގައުމުތަކުން އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފައެވެ. ވަގުތީ ގޮތުން ފިލިޕީންސް އަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް ހިމެނެއެވެ.

ހަލުވިކަމާއެކީ އިންޑިއާގައި ފެތުރެމުންދާ ކޮވިޑުގެ އާ ވައްތަރަކީ ކުރިން އެ ގައުމުން ފެނުނު ކޮވިޑަށް ވުރެ ނުރައްކާތެރި ވައްތަރެކެވެ. އެގޮތުން އާ ވައްތަރުގެ ކޮވިޑަށް ފައްސިވާ މީހުން އިންތިހާއަށް އިތުރުވަމުންދާއިރު މި ވައްތަރުގެ ވައިރަސް ގައިން ގަޔަށް އަރާ މިންވަރު އިތުރުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ބުނެފައެވެ.

އިންޑިއާގައި ފެތުރޭ ކޮވިޑުގެ އާ ވައްތަރު ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރެމުންދާއިރު ގިނަ ގައުމުތަކުން ވަނީ އިންޑިއާ އަށް ދަތުރުކުރުމާއި އިންޑިއާއިން އެ ގައުމުތަކަށް ދަތުރުކުރުން މަޑުޖައްސާލައިފައެވެ.

ފިލިޕިންސް އިން މިހާތަނަށް 1.1 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި 18،562 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު ފިލިޕިންސް އަކީ ދެކުނު އޭޝިޔާ އިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް ޖެހިގެން ރީޕޯޓުކޮށްފައިވާ ގައުމެވެ.