ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އުމުރުން 60 އަހަރުން ދަށުގެ މީހުންނަށް ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް ސްޕެއިންގެ ހެލްތް މިނިސްޓްރީން ހުށަހަޅައިފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން މިގޮތަށް ހުށަހަޅާފައިވަނީ ސްޕެއިން ސަރުކާރުގެ ކާލޮސް ހެލްތް އިންސްޓިޓިއުޓުން ކުރި ދިރާސާ އަކުން ކޮވިޑް ވެކްސިނުގެ ދެ ބްރޭންޑުގެ ވެކްސިން އެއްކޮށް ބޭނުން ކުރުމަކީ ވެސް ރައްކާތެރި އަދި ކޮވިޑުން ދިފާއު ކޮށްދޭ ގޮތެއް ކަމަށް ދެނެގަނެވިފައިވުމުންނެވެ.

ހެލްތް މިނިސްޓްރީގެ ޕްރޮޕޯސަލްއާ އެއްގޮތަށް ވެކްސިން ދިނުމަށް އެގައުމުގެ ހެލްތް ކޮމިޝަނުން އަންނަނީ ބައްދަލުވުން ބާއްވައި، އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. ސްޕެއިންގައި ދެ ވައްތަރުގެ ދެ ޑޯޒުން ވެކްސިން ދިނުމަށް އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ދެ ޑޯޒުން ވެކްސިން ދިނުމަށް ހަމަޖެހުނު ކަމުގައި ވިޔަސް، ސްޕެއިންގެ ހެލްތް މިނިސްޓްރީއިން ބުނެފައިވަނީ ފުރަތަމަ ގުރޫޕުގެ މީހުންނަށް އެ އުސޫލުން ވެކްސިން ދިނުމަށް ފަހު އާދަޔާ ހިލާފަ ކަމެއް ފެންނަ ނަމަ އިތުރު ބަޔަކަށް ދެ ވައްތަރުގެ ޑޯޒް ނުދޭނެ ކަމަށެވެ.

ކާލޮސް ހެލްތް އިންސްޓިޓިއުޓުގެ ދިރާސާ ރިޕޯޓު ހާމަކޮށްފައިވަނީ ސްޕެއިންގައި ވަކި އުމުރުފުރައެއްގެ މީހުންނަށް ކޮވިޝީލްޑް ވެކްސިން ނުދޭން ނިންމާފައިވަނިކޮށެވެ. މި ނިންމުމަކީ ކޮވިޝީލްޑް ވެކްސިނުގެ ސަބަބުން ލޭ ގަނޑުވާ ކަމަށް ބުނެ ނިންމާފައިވާ ނިންމުމެކެވެ.

ދިރާސާއިން ދައްކާގޮތުން ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިން އެއްކޮށް ދިނުމަކީ ރައްކާތެރި އަދި ވައިރަހުން ދިފާއު ކޮށްދޭ ގޮތެކެވެ. ދެ ވެކްސިން ޑޯޒް އެއްކޮށް ދިނުމުން ހަތް އިންސައްތައަށް ކޮވިޑުން ރައްކާތެރި ކޮށްދޭ މިންވަރު އިތުރުވާކަމަށް ދިރާސާ އިން ދައްކައެވެ.