ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ހިންގި ނިރުބަވެރި ޢަމަލުތަކާއި ހަމަނުޖެހުންތަކުގައި ސުންނާފަތިކޮށްލާފައިވާ އިރާގުގެ މޫސަލްއަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި އދ. ގެ ހާއްސަ މަންދޫބު އެންޖެލީނާ ޖޯލީ ޒިޔާރަތްކޮށްފިއެވެ.

އިރާގުގެ މޫސަލް ސިޓީ މިނިވަންވެފައިވަނީ އައިއެސް އާއި ދެކޮޅަށް ނުވަ މަސް ދުވަސްވަންދެން ކުރި ހަނގުރާމަކުރުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި ނުވަވަނަ ދުވަހުއެވެ. އެންޖެލީނާގެ މޫސަލްއަށް ކުރި މި ޒިޔާރަތުގައި، އޭނާ ވަނީ ހަގުރާމައިގައި ސުންނާފަތިވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ހާލުގައި ޖެހިފައިތިބި މޫސަލްގެ ރައްޔިތުންގެ ހާލު އޮޅުންފިލުވާފައެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް ގޮވާލާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ތަރި ޖޯލީ ވަނީ އައިއެސް އިން ހިފާފައިވާ ސަރަހައްދުތަކުގައި އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށް ބުނެފައެވެ.

އައިއެސް އިން މޫސަލް ހިފާފައި ވަނީ 2014 ވަނަ އަހަރުގެ ޖޫންމަހުގައެވެ. މި ހަނގުރާމައިގެ ސަބަބުން މޫސަލްގެ ގިނަ ތަންތަން ހަލާކުވެ، އެތައް ހާސްބަޔަކު މަރުވެ އަދި އެއްމިލިއަން މީހުންވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ. އައިއެސް އަތްދަށުން މޫސަލް މިނިވަން ކުރުމުގެ ހާއްސަ އޮޕަރޭޝަން ފެށީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އިރާގު އަސްކަރިއްޔާ އިން މޫސަލް މިނިވަންކުރުމުގެ އޮޕަރޭޝަން ހިންގާފައިވަނީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. އޭގެ ތެރޭގައި ރަޝިޔާ އާއި އެމެރިކާ ސިފައިން ހިމެނެއެވެ.

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އިރާގުގެ މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ނަގާ ނެކަމަށް ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ހަލާކުވެފައިވާ މަގުތަކާއި ބްރިޖްތަށް މަރާމާތުކޮށް، އިގްތިސާދީ ގޮތުން އެ ސިޓީ ކޮޅަށްޖެހުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަ ކުރަން ޖެހޭނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖޯލީ

    މޫސަލް ހަލާކު ކުރީ އެމެރިކާއިން އެންޖެލީނާ އާ އޭނަގެ އެކުވެރިން

    • ހެހެ

      ޙަޖަމްކޮށްލާ

  2. ބޮން

    މޫސަލް އަށް ހުއްޓާ ނުލާ އެމެރިކާ ސައުދީ ކޯލިޝަނުން ވަނީ ތަނެއް ދޮރެއް ނުބަލާ ބޮން އަޅާ އެތައް ހާސް މުސްލިމް އަންހެނުންނާއި ކުޑަކުދިންނާއަ މުސްކުޅިންނާއަ ފިރިހެނުން އަވަހާރާ ކޮށްލާފާ. އިޒްރޭލުން ގައްޒާ އަށް ދިން ހަމަލާއަށް ވުރެ މާ ނުލަފާ ކޮށް ބޮންއެޅި

    • މޮޔަޔާ

      ދެން ބޮން އަޅަން ރީތި ގޮތެއްވެސް އޮވޭތަ؟

  3. ރާއްޕެ

    ސުންނީންގެ މޫސަލް ހަލާކު ކުރީ އެމެރިކާއާއި އެމީހުންގެ ޝީއީ އަދި ކުރުދީ ބައިވެރިން، އެތައް ހަބަރުފަތުރާ ވަސީލަތްތަކުން އެމަންޒަރުތަކާއި ވީޑިއޯތަށް ބަރާބަށް ދިޔައި ދައްކަމުން.. އޮޅުވާނުލާ.

  4. Anonymous

    އިތުރުފުޅު ނުހައްދަވާ އިންގޭތޯ. މޫސަލް ބިމާއި ހަމަކޮށް ކުނިގޮޑަކަށް ހަދާލީ އެމެރިކާ އާއި ކޯލިޝަން. ދެވަނަ ބޮޑު ހަގުރާމައިގައި ވެސް ބޭނުންކުރި ބަރުހަތިޔާރަށްވުރެ އިރާޤާއި ޝާމްގައި ބޭނުންކުރި ހަތިޔާރުތައް ދެގުނަ ގިނަ