ސްރީ ލަންކާ ކައިރިން ރޯވެ އަނދަމުން ދިޔަ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ މަހުގެ 20 ވަަނަ ދުވަހު ރޯވެފައިވާ ސިންގަޕޫރުގެ މި ބޯޓު ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ގުޖުރާތުން ލަންކާގެ ކޮލަމްބޯއަށް ކެމިކަލް ހިފައިގެންނެވެ.

ލަންކާ ކައިރީގައި މި ބޯޓު އަނދާތާ ދެހަފްތާއެއްހައި ދުވަސް ވެފައިވާ އިރު، ލަންކާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން، ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓް ސެކިއުރިޓީގެ މެމްބަރުން އަލިފާންގަނޑު ނިއްވާލައިފައި ވަނިކޮށް އަނެއްކާވެސް އޭގެ ފަސް ދުވަސް ފަހުން ކުރިޔަށް ވުރެ ބޮޑަށް ބޯޓުގައި ރޯވެ އަނދަމުންދާތީ، މި އަލިފާންގަނޑު ނިއްވާލުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

އިއްޔެ މި ބޯޓު ފެތެން ފެށުމުން ސްރީލަންކާގެ އައްސޭރި އާއި ދުރަށް ގެންދިޔުމުގެ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، އެކަން ކާމިޔާބެއް ނުވިއެވެ.

މި ބޯޓު، އެކްސް-ޕްރެސް ޕާލް ދަތުރުކުރަމުން ދިޔައީ 1،486 ކޮންޓެއިނަރު އަރުވާ ބަރުކޮށްގެންނެވެ. އޭގެ ތެރެއިން 81 ކޮންޓެއިނަރަކީ ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ތަކެއްޗެވެ. 25 ޓަނުގެ ނައިޓްރިކް އެސިޑާއި އެހެން ވެސް ނުރައްކާތެރި ކެމިކަލް ހިމެނެއެވެ. ކޮންޓެއިނަރުތައް ކަނޑަށް އެޅި، ނައިޓްރިކް އެސިޑް ލީކްވެފައިވެއެވެ. އަދި ކަނޑަށް އެޅުނު ކޮންޓެއިނަރުތަކުގައި ހުރި ޕްލާސްޓިކް ޕެލެޓުތަކާއި ވިހަ މާއްދާތައް ނެގަމްބޯގެ ގޮނޑުދޮށަށް ލައްގާ، އެ ސަރަހައްދު ދަނީ ތަގައްޔަރު ވަމުންނެވެ. ގޮނޑުދޮށް ތަގައްޔަރުވާން ފެށުމުން އެ ސަރަޙައްދުވަނީ އާންމުންނަށް ބަންދުކޮށްފައެވެ. ވިހަ މާއްދާތަކުން ރައްކާތެރިވުމަށް ހެޒްމަޓު ސޫޓު ލައިގެން ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕްލާސްޓިކާއި ވިހަ މާއްދާތަކުން މިހާރު ތަގައްޔަރު ވެފައިވާ ގޮނޑުދޮށަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު އަދި މަސްވެރިކަމަށް ހާއްސަ ތަނެެކެވެ.

ބޯޓު ފެތެން ފެށުމުން ރައްކާތެރިކަމަށް ބަލައި، ސްރީލަންކާގެ އައްސޭރިފަށުން ފެށިގެން 50 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސްވެރިކަން ކުރުން ވަނީ ވަގުތީގޮތުން މަނާ ކޮށްފައެވެ. މީގެ އަސަރު ލަންކާގެ ގިނަ މަސްވެރިން ތަަކަކަށް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު