ސީރިއާއާ ގުޅުން ބަދަހި ކުރުމަށް ސައުދީ އަރަބިއްޔާ އިން މަސައްކަތް ކުރަން ފަށައިފިއެވެ.

ސައުދީ އާއި ސީރިއާ އާ ގުޅުން ކެނޑުނުތާ 10 އަހަރު ފަހުން އަލުން ގުޅުން ބަދަހި ކުރަން ބޭނުންވެ ސީރިއާގެ ރައީސް ބައްޝާރުލް އަލް-އަސަދާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

އަރަބި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ސައުދީގެ ސިޔާސީ އުސޫލުތައް ބަދަލުވެ، އެ ގައުމުގެ ޝާހީ އާއިލާތަކުގެ ބޭފުޅުން ސީރިއާއާ މެދުގައި ދެކޭގޮތް ވަނީ ބަދަލުވެފައެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މިދިޔަ މޭ މަހު މި މަސައްކަތުގެ ތެރެއިން ސައުދީގެ ޖާސޫސީ އިދާރާގެ ވެރިޔާ ހާލިދު ހުމައިދާން ދިމިޝްގަށް ވަޑައިގެން ސީރިއާ ސަރުކާރާއެކު މަޝްވަރާ ކުރެއްވިއެވެ. އަދި މިދިޔަ މަހު ސީރިޔާގެ ޓޫރިޒަމް މިނިސްޓަރު ރާމީ ރަޑްވާން މަރްތީން ވެސް ސައުދީއަށް ވަޑައިގަތެވެ.

ދެ ގައުމުގެ ގުޅުން އަލުން ގާއިމްކުރުމުގައި ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ބޭނުމަކީ، ސީރިއާގައި އޮތް އިރާންގެ ނުފޫޒު ކުޑަ ކުރުމެވެ. އަދި ރިޕޯޓުތައް ބުނާގޮތުން އެ ގުޅުން ބަދަހިކުރުމަށް ސައުދީން ބޭނުންވާ އަނެއް ސަބަބަކީ އިރާނާއި ސައުދީއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާތީ، އެ ގުޅުން އަލުން އިއާދަކުރުމުގެ ބޭނުމުގައެވެ.

ވޭތުވެދިޔަ އެޕްރީލް މަހު ސައުދީ އާއި އިރާނާ ދެމެެދު ސުލްހަވުމަށް ވާހަކަ ދެކެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ބަގްދާދު މެދުވެރިވެގެން ދެ ގައުމުން މަޝްވަރާތަކެއް ކުރިކަން މީޑިއާތަކުން ކަށަވަރު ކޮށްދެއެވެ. އެ ބައްދަލުވުމުގައި ސަރަހައްދީ މަސްލަަހަތުގެ ވާހަކަ ދައްކާފައިވެއެވެ.

ސީރިއާގެ ދާހިލީ ހަނގުރާމަ ފެށިގެން ކުރިޔަށް ދިޔަ އިރު، ބައްޝާރުގެ ވެރިކަން ވައްޓައިލުމަށް ސައުދީން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ސައުދީން ވަނީ އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާގައި އުފައްދާފައިވާ އެންޓި މިސައިލް ޓޭންކުތައް ފޯރުކޮށްދިނުން ފަދަ އަސްކަރީ އެހީތެރިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ނޯ ވޭ

    2
    1
  2. ޙަގީގަތް

    ސުބުހާނަﷲ މުސްލިމުންގެ ލޭ ބޮމުންދާ މީހަ ކާ ގުޅުން ބަދަހި ކުރަން މުސްލިމު ގައުމެއް ލަދު ގަންނަން ޖެހޭނެ. ސީރިޔާގެ މުސްލިމުންނަށް ބައްޝާރު އަސަދު ހަދާ ގޮތް ނުފެންނަން ދެލޮލަށް މިރުސް އެޅިފަދަ ހުރީ

    6
    2