ރަޝިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ. ރަޝިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ވެރިރަށް މޮސްކޯގައި މިހާރު ވަނީ އިތުރު ފިޔަވަޅުތަކެއް ހަފްތާއެއްގެ މުއްދަތައް އަޅަން ނިންމާފައެވެ.

އޭޕްރީލް މަސް ފެށުނު ފަހުން އެވްރެޖްކޮށް ރަޝިއާގައި ދުވާލަކު ކޮވިޑަށް ފައްސިވަމުން އައީ އަށެއްކަ ހާސް މީހުންނެވެ. ނަމަވެސް ފާއިތުވި ފަސް ވަރަކަށް ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެންމެ ފަހުން އިއްޔެ ވަނީ 14000 މީހުން ފައްސިވެފައެވެ. މީގެ ތެރޭގައި މޮސްކޯ އިން ފައްސިވި ހަހާހަށްވުރެ ގިނަ މީހުން ހިމެނެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި މޮސްކޯގައި އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި އެއްހަފްތާ ދުވަހުގެ މުއްދަތަކަށް އޮފީސްތައް ބަންދުކުރުން ހިމެނެއެވެ. އަދި ފުޑްކޯޓްތަކާއި ކުޑަކުދިން ކުޅޭ ތަންތަނާއި ޝޮޕިން ސެންޓަރުތައް ވެސް އެއްހަފްތާއަށް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން ރެސްޓޯރެންޓްތަކާއި ބާތަކުން ހިދުމަތްދޭ ވަގުތުތައް ވަނީ މަދުކޮށްފައެވެ. ޓޭކްއަވޭ ހިދުމަތް ދިނުން ވެސް ވަނީ ވަކިވަގުތުތަކަކަށް މަދުކުރަން ނިންމާފައެވެ.

މާސްކް އެޅުމަށާއި އަންގި ލައްވައިގެން އުޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ތަންފީޒު ކުރުމަށް ފުލުހުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިއުލާން ކޮށްފައެވެ.

ރަޝިއާ އަކީ ކޮވިޑް-19 އިން ދިފާއުވުމަށް އެންމެ ފުރަތަމަ ވެކްސިން ދޭން ފެށި އެއްގައުމެވެ. މިހާތަނަށް ރަޝިއާ އިން ވަނީ 18 މިލިއަން މީހުންނަށް ވެކްސިން ދީފައެވެ. ނަމަވެސް އެއީ އެގައުމުގެ އާބާދީގެ އެންމެ %12 އެވެ.

146 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަޝިއާގައި މިހާތަނަށް 5.2 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު