އދ. އިން ގަވާއިދާ ހިލާފަ ބަންގްލަދޭޝްގައި ދިރިއުޅެމުންދިޔަ ރޮހިންޔާ މީހުންގެ މައުލޫމާތު އާންމު ކޮށްފިއެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނީ ބަންގްލަދޭޝްގައި ދިރިއުޅެމުންދިޔަ 800،000 ރޮހިންޔާ މުސްލިމުންގެ މައުލޫމާތު އެމީހުންގެ ހުއްދަ ނެތި އދ. އިން އާންމު ކޮށްފައިވާ ކަމަށެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އދ. ގެ ރެފިއުޖީ އެޖެންސީން ވަނީ ރޮހިންޔާގެ އެތައް ބަޔަކު ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުގައި ރެޖިސްޓްރީކޮށް، ބަންގްލަދޭޝްގެ ޑާކާއިން އެމީހުންނަށް ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދީފައެވެ.

ނަމަވެސް، އެޗްްއާރްޑަބްލިއުއިން އާންމު ކޮށްފައިވާ ރިޕޯޓުގައި ބުނާ ގޮތުން އެމީހުންގެ މައުލޫމާތު ބަންގްލަދޭޝް ސަރުކާރުން މިޔަންމާއަށް ފޮނުވާނެކަން ރޮހިންޔާ މުސްލިމުންނަށް އަންގާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުން އަންނަ މީހުން އިތުރު ރިސްކަކާއި ކުރިމަތިލާން ޖެހޭ ކަމަށް ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިޔަންމާއާ ހިއްސާކޮށްފާނެ ކަމަށް ބެލެވޭ މައުލޫމާތުގެ ތެރޭގައި އެމީހުންގެ އިނގިލީގެ ނިޝާނާއި، ފޮޓޯ އަދި އެހެނިހެން މައުލޫމާތު ހިމެނެއެެވެ.

މިކަމާ ގުޅިގެން އދ. އިން ބުނެފައިވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތަކެއް ހޯދައި، އެ މައުލޫމާތު ވަކި ބަޔަކާ ހިއްސާކުރެވޭނެކަން ރޮހިންޔާ މުސްލިމުންނަށް ކުރިން އަންގާފައިވާ ކަމަށެވެ. އދ. އިން ބުނި ބުނުމަށް ރައްދުދީ އެޗްއާރްޑަބްލިއުއިން ބުނެފައިވަނީ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުން އަންނަ ރޮހިންޔާ ރައްޔިތުންނަށް އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.