މިދިޔަ ހަފްތާ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ރޯވި އަލިފާންގަނޑަކީ ގަސްދުގައި ބަޔަކު ރާވައިގެން ރޯކޮށްލާފައިވާ އަލިފާން ގަނޑެއް ކަމަށް އެ ހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން ބުނެފިއެވެ.

މާރިޗް ފަސް ވަނަ ދުވަހު ބަންގްލަދޭޝްގައި ރޯވި މި އަލިފާންގަނޑުގެ ސަބަބުން 2800 އެއްހާ ހިޔާވަހި އަނދާ އަޅިއަށްވެ، 15000 އެއްހާ ރެފިއުޖީންގެ ގެދޮރު ވަނީ ގެއްލިފައެވެ.

މިހާދިސާގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާ ސަރުކާރުގެ އޮފިޝަލް، އަބޫ ސަފިއާން ވިދާޅުވެފައިވަނީ ކޭމްޕުގައި އެމީހުންގެ ބާރު ގަދަ ކުރުމަށްޓަކައި އަލިފާން ރޯކޮށްލާފައިވަނީ ހަނގުރާމަވެރި ގްރޫޕްތަކުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ އަލިފާންގަނޑު ފުރަތަމަ ވަނީ އެކި ހިސާބުތަކުން ރޯވާން ފަށާފައި ކަމަށާއި، އެއީ ރާވައިގެން ކޮށްފައިވާ ކަމެއް ކަމުގެ ހެއްކެއް ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް އަލިފާންގަނޑު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރި، ކޮކްސް ބާޒާރު ކޭމްޕުގެ އެކި ސަރަހައްދުތަކުގެ ގޭގެޔާއި މުހިންމު މަދަނީ ތަންތަން ކަމަށްވާ ސްކޫލުތަކާއި، ސިއްހީ ފަރުވާދޭ ކްލިނިކް ތަކާއި، އެކި އެކި ހިދުމަތް ދޭ ތަންތަން އަނދާ އަޅިއަށް ހަދައިފައެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް އެކުލަވާލި ހަތް މެމްބަރުންގެ ކޮމިޓީން ވަނީ މަންޒަރުދުށް 150 ފަރާތަކާއި ވާހަކަ ދެއްކުމަށްފަހު ހަދާފައިވާ ރިޕޯޓެއް އިއްޔެ ހުށައަޅާފައެވެ.

އަދި މި ހާދިސާގެ ފަހަތުގައިވާ ޖަމާއަތްތައް ދެނެގަތުމަށްޓަކައި އިތުރު ތަހުގީގުތަކެއް ކުރަން އެ ކޮމިޓީން ވަނީ ލަފާ ދީފައެވެ.

އަލިފާން ރޯވެފައިވަނީ ބަންގާޅުގެ ސަރަހައްދީ އިމާ ކައިރީގައި އޮންނަ ކޮކްސް ބާޒާރްގެ 11 ވަނަ ކޭމްޕުގައެވެ. ކޮކްސް ބާޒާރުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ 2017 ވަނަ އަހަރު، މިއަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ގައުމުން ފިލައިގެން އައި މީހުންނެެވެ.

އެމީހުން ދިރިއުޅެމުންދަނީ ލަކުޑިއާއި ޕްލާސްޓިކުން އަޅާފައިވާ ހިޔާވަހިތަކުގައެވެ. އެހެންކަމާއެކު އާއި، އަދި ކޭމްޕުގެ ބައިބޯ ކަމާއި ހެދި އެތަނުގައި އަލިފާން ރޯވެ، އަލިފާން ގަނޑު ފެތުރުމަކީ ވަރަށް ފަސޭހައިން ވާ ކަމެކެވެ.

އެތައް އަހަރެއްގެ މަތިން މިލިއަނަކަށް ވުރެ ގިނަ ރޮހިންގްޔާ ރެފިއުޖީން ވަނީ މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް ގޮސްފައެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު މިއަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ސަރަހައްދީ އިން ހުރަސްކުރި 740000 އެއްހާ މީހުން ހިމެނެއެވެ.

މި އޮޕަރޭޝަންގައި މިއަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ ގިނަ އަދަދެއްގެ މީހުން މަރާ، ރޭޕްކޮށް، އަވަށްތައް އަންދާފައިވާ ކަމަށް ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ ތަކުން ބުނެއެވެ. އދ.އިން ބުނެފައިވަނީ މިއަންމާގެ އަސްކަރިއްޔާއިން ހިންގި އެ އޮޕަރޭޝަނަކީ "ގަތުލުއާންމެއް" ކަމަށެވެ.

ރޮހިންޔާގެ ގިނަ މީހުންނަކީ މުސްލިމުންނެވެ. މެޖޯރިޓީ ބުޑިސްޓުން މިއަންމާގައި އެމީހުންނާއި ދޭތެރޭ ތަފާތުކުރުންތައް ގެންގުޅެ، އެތައް ހައްގަކުން މަހުރޫމުކޮށް، އެމީހުންނަށް ރައްޔިތުކަމުގެ ހައްގުވެސް ދޭން ދެކޮޅު ހަދައެވެ.