ބަންގްލަދޭޝްގެ ދެކުނުގައި، ރޮހިންޔާ މުސްލިމުން ދިރިއުޅޭ ބައިބޯ ރެފިއުޖީ ކޭމްޕެއްގައި ރޯވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށް އެ ގައުމުގެ އަލިފާން ނިއްވާ އިދާރާގެ އޮފިޝަލަކާ ހަވާލާދީ އދ. އިން ބުނެފިއެވެ.

އަލިފާން ރޯވެފައިވަނީ ބަންގާޅުގެ ސަރަހައްދީ އިމާ ކައިރީގައި އޮންނަ ކޮކްސް ބާޒާރްގެ 11 ވަނަ ކޭމްޕުގައެވެ. ކޮކްސް ބާޒާރުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ 2017 ވަނަ އަހަރު، މިއަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ގައުމުން ފިލައިގެން އައި މީހުންނެެވެ.

"އަހަރެމެންނަށް އަދި މި ވަގުތު ލިބުނު ގެއްލުންތައް ލަފާކުރާކަށް ނޭނގޭ، އެކަމަކު މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ." ކޮކްސް ބަޒާރް ގެ ފުލުހުންގެ ސުޕްރިޓެންޑެންޓް ރަފީގުލް އިސްލާމް ވިދާޅުވިއެވެ.

ރަފީގުލް އިސްލާމް ވިދާޅުވެފައިވަނީ މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެ ސަރަހައްދުގައި އަލިފާން ނިއްވާ އިދާރާ އާއި، ފުލުހުންނާއި، ރެފިއުޖީންގެ ކަންތައްތައް ބަލަހައްޓާ އިދާރާތަކުގެ އޮފިޝަލުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބަންގްލަދޭޝްގައި ހުންނަ އދ. ގެ ރެފިއުޖީ އޭޖެންސީން ބުނެފައިވަނީ، މީހުންނަށް އެހީތެރިވުމަށްޓަކައި އެ އެޖޭންސީ އާއެކު، ރޮހިންޔާ ރެފިއުޖީ ވޮލެންޓިއަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ އޭޖެންސީން ބުނެފައިވަނީ އަލިފާނުގެ ސަބަބުން އެތައް ހިޔާވެއްސެއް އަނދާ ހުލިވެފައިވާ ކަމަށެވެ.

ވެރިރަށް ދާކާ އިން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ތަންވީރް ޗޯދުރީ ބުނެފައިވަނީ ބުލުޚަލީ ކޭމްޕަކީ ކޮކްސް ބާޒާރުގައި ހުންނަ 32 ކޭމްޕުގެ ތެރެއިން އެއް ކޭމްޕު ކަމަށާއި، އެ ކޭމްޕުތަކުގައި 1.2 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކަމަށެވެ.

ޗޯދުރީ ބުނެފައިވަނީ އަލިފާން ގަނޑު އަދިވެސް ނިވާލެވިފައިވާ ނުވާ ކަމަށާއި، އަލިފާން ރޯވި ކަމަށް ލަފާ ކުރެވެނީ ގޭސް ފުޅިއެއްގެ ސަބަބުން ކަމަށެވެ. އަދި އެތަނުގެ ގިނަ ގެ ތަކަކީ ބެމްބޫ ދަނޑިން އަޅާފައި ވާ ގެތައް ކަމުން، އަލިފާން ގަނޑު ވަރަށް ފަސޭހައިން ފެތުރިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އަލިފާން ރޯވެފައިވާ ސަރަހައްދަކީ ކުޑަކޮށް އުސް ސަރަހައްދެއް ކަމުން ރެސްކިއު ޓީމުތަކަށް އެ ސަރަހައްދަށް ދިއުމަށާއި، އެ ތަނުގެ މީހުންނަށް އެތަނުން ނުކުތުމަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެތައް އަހަރެއްގެ މަތިން މިލިއަނަކަށް ވުރެ ގިނަ ރޮހިންގްޔާ ރެފިއުޖީން ވަނީ މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް ގޮސްފައެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު މިއަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ސަރަހައްދީ އިން ހުރަސްކުރި 740000 އެއްހާ މީހުން ހިމެނެއެވެ.

މި އޮޕަރޭޝަންގައި މިއަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ ގިނަ އަދަދެއްގެ މީހުން މަރާ، ރޭޕްކޮށް، އަވަށްތައް އަންދާފައިވާ ކަމަށް ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ ތަކުން ބުނެއެވެ. އދ.އިން ބުނެފައިވަނީ މިއަންމާގެ އަސްކަރިއްޔާއިން ހިންގި އެ އޮޕަރޭޝަނަކީ "ގަތުލުއާންމެއް" ކަމަށެވެ.

ރޮހިންޔާގެ ގިނަ މީހުންނަކީ މުސްލިމުންނެވެ. މެޖޯރިޓީ ބުޑިސްޓު މިއަންމާގައި އެމީހުންނާއި ދޭތެރޭ ތަފާތުކުރުންތައް ގެންގުޅެ، އެތައް ހައްގަކުން މަހުރޫމުކޮށް، އެމީހުންނަށް ރައްޔިތުކަމުގެ ހައްގުވެސް ދޭން ދެކޮޅު ހަދައެވެ.