ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ފަސް ލައްކަ އަށް އަރައިފިއެވެ.

ބްރެޒިލް އިން އިއްޔެ 98،832 މީހުން ކޮވިޑަށް ފައްސިވިއެވެ. އަދި އެ ބަލީގައި 2،495 މީހުން މަރުވިއެވެ.

ކޮވިޑް ފެތުރެން ފެށި ފަހުން ބްރެޒިލް އިން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދަކީ 17،801،462 އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ފަސް ލައްކައަށް އަރައިފައެވެ.

އެގައުމުން 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގައި މަރުވާކަމަށް ރިކޯޑު ކޮށްފައިވަނީ އެވަރެޖް ގޮތެއްގައި 2،500 މީހުންނެެވެ. ނުރައްކާތެރި ބްރެޒިލްގެ ޕީ1 ވޭރިއެންޓް އެ ގައުމުގައި ފެތުރެމުންދާ އިރު، މިއީ ވަރަށް ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ބަލައި ގައުމުތަކުން ދަތުރުކުރުން ވަނީ މަނާ ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީ1 ވޭރިއެންޓް ފެތުރޭވަރު އިތުރުވުމާއެކު ބަނޑު ބޮޑު މީހުންނާއި، ބަނޑަށް ދަރި މަރުވުން އާންމުވާން ފަށާފައިވާ ކަމަށެވެ. އެކަހަލަ ކޭސްތައް ރިކޯޑު ކުރެވޭ މިންވަރު ބްރެޒިލްގައި އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ހަފްތާއެއް ތެރޭގައި ބަނޑުބޮޑު 40 ވަރަކަށް މީހުން ކޮވިޑުގައި މަރުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ބައެއް ހާލަތްތަކުގައި ކުއްޖާ ނަގަންޖެހޭ ފަހަރުވެސް އަންނަ ކަމަށް މެޑިކަލް އޮފިސަރުން މައުލޫމާތުދެއެވެ.

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި ބްރެޒިލްގައި 84.1 މިލިއަން ޑޯޒް ވެކްސިން ދީފައިވެއެވެ. އޭގެ ތެރެއިން 24 މިލިއަން މީހަކަށް ވެކްސިންގެ ދެ ޑޯޒް ދީފައިވާއިރު، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އިންސައްތަ އަކީ 11.4އެވެ.