ޖަޕާނުގައި ކޮވިޑް ވެކްސިން ޖަހާ މީހުންނަށް ޚާއްސަ ޕާސްޕޯޓެއް ދޫކުރުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖަޕާނުގައި އެފަދަ ޕާސްޕޯޓެއް ދޫކުރަން އަންނަ މަހު ފަށާނެއެވެ. މި ޕާސްޕޯޓަކީ ޖަޕާނުގެ ރައްޔިތުންނަށް އެހެން ގައުމުތަކަށް ދަތުރުކުރުމަށް ލިބޭ ބާރަކަށް ވާނެއެވެ. އެއީ ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިކަން އިތުރަށް ހުޅުވާލާ ވިޔަފާރިތައް އަލުން ހިނގައިގަންނަ އިރު ރައްކާތެރިކަމާއެކު ދަތުރުކުރުމަކީ މުހިންމު ކަމަކަށް ވާތީއެވެ.

"މިދަނީ ވެކްސިން ދޭ މީހުންނަށް ސެޓްފިކެޓް އެއް ދޭން. އެއީ ބޭރު ގައުމުތަކަށް ދަތުރުކުރަން ފަސޭހަކައަކަށް." ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވެކްސިން ޕްރޮގްރާމްތައް ހިންގާ މީހުން ދަނީ ވެކްސިން ދޭ މީހުންގެ ރެކޯޑްތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުން ކަމަށް ޖަޕާން ސަރުކާރުން ހާމަކުރެއެވެ. އަދި ޕާސްޕޯޓާއި ސެޓްފިކެޓް ދޫކުރާނީ އެ ރިކޯޑްތަކަށް ބެލުމަށް ފަހު ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައިވެއެވެ.

މި ޕާސްޕޯޓް ނުވަތަ ސެޓްފިކެޓް ވާނީ ޕޭޕަރ ބޭސްޑް ސެޓްފިކެޓްތަކަކަށެވެ. އެ ޕާސްޕޯޓުން ވެކްސިން ޖެހި ދުވަހާއި ވެކްސިންގެ ބާވަތުގެ ތަފްސީލްވެސް އެނގޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ފާހަގަކުރެއެވެ.

ޖަޕާނުން ކޮވިޑް ފެނުނީ މިދިޔަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައެވެ. އެ ގައުމުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް ކާމިޔާބުކަމާއެކު ވެކްސިން ދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެގޮތުން އާއްމު ތަންތަނުގައި ވެސް އިޖްތިމާއީ ގައިދުރުކަން ބަހައްޓަން އިތުރަށް މަގުފަހިވާނެ ފަދަ އުސޫލުތައް ހަދާ ގިނަ ނިޝާންތަކާއި އިރުޝާދުތަކެއް އާއްމު ތަންތަނުގައި ވަނީ ހަރުކޮށްފައެވެ.

ޖަޕާނުގައި އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ ޓޯކިޔޯ އިންނެވެ.