މަރުވެފައިވާ ސަތޭކައަށް ވުރެ ގިނަ ވެލަޔާއި ކަހަނބު އަދި އެތައް ކޯމަހެއް ސްރީލަންކާގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ.

ގިނަ އަދަދެއްގެ މަސްމަހާއިމެހި ލަންކާގެ ގޮނޑުދޮށަށް ލައްގަން ފަށާފައިވަނީ އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި އާގުބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެއްގައި ރޯވެ އަޑިއަށް ދިޔުމުމުގެ ހާދިސާގެ ސަބަބުންނެވެ. މިކަމާއި ގުޅިގެން ތިމާވެށީގެ ނުރައްކާތެރި ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެރި އިންޒާރު ދީފައިވެއެވެ.

ތަޖުރިބާކާރުން ގަބޫލުކުރަނީ 12 ދުވަސް ވަންދެން އަނދަމުން ގޮސް، އަޑިޔަށް ގޮސްފައިވާ ބޯޓުގެ ސަބަބުން ސްރީލަންކާގެ ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ. މަރުވެގެން ލައްގާ މަސްމަހާއިމެހީގެ އިތުރުން ދިރިހުރި އަދި އަނިޔާވެފައިވާ މަހާއި ވެލާ ކަހަނބުވެސް ސްރީލަންކާގެ ގޮނޑުދޮށަށް ލައްގާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްސް-ޕްރެސް ޕާލް ނަމަކަށް ކިޔައި އެ ބޯޓުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. ލަންކާގެ ކަނޑުގެ ސިފައިންނާއި، ޕޯޓްސް އޮތޯރިޓީއާއި، މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީން ގުޅިގެން މަސައްކަތްކޮށް އަލިފާންގަނޑު ނިއްވާލިއެވެ. ނަމަވެސް، އަނެއްކާ މެއި މަހުގެ 25ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ޖޫން މަހުގެ ދެ ވަނަ ދުވަހު އެ ބޯޓު ފެތެން ފެށުމުން ލަންކާގެ އައްސޭރިއާ ދުރަށް އެ ބޯޓު ގެންދިޔުމަށްވަނީ މަސައްކަތްކޮށްފައެވެ.

އެކްސް-ޕްރެސް ޕާލްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ބޯޓުގައި ހުރި ގިނަ ކޮންޓެއިނަރުތައް ވަނީ އަނދާފައެވެ. އަދި އޭގެ ޕެލެޓުތަކާއި ކުނިބުނި ލަންކާގެ ގޮނޑުދޮށްތަކަށް ލައްގާފައިވެއެވެ.

އދން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ހަނާ ސިނގާ ހަނމުދީ ވިދާޅުވީ މި ހާދިސާގެ ސަބަބުން ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެންހުރި ކަންކަން ބަލައި، ބައިނަލްއަޤްވާމީީ ޖަމާއަތްތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު