މުއްސަނދި ގައުމުތަކުން ކޮވިޑް-19 ގެ ސަބަބުން ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިނުވާ ފުރާވަރުގެ ކުދިންނަށްވެސް އެ ގައުމުތަކުގައި ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ފަގީރު ގައުމުތަކުގައި ބަލީގެ ރިސްކު ބޮޑު މީހުންނަށް ވެސް ވެކްސިން ފުރިހަމަ ކުރެވިފައިނުވާ ކަމަށެވެ. އަދި މިއީ ހިތާމަހުރި ކަމެއް ކަމުގައި ބުނެ ޑަބްލިއުއެޗްއޯއިން އަނެއްކާވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެފްރިކާގައި މިދިޔަ ހަފްތާ ތެރޭގައި ކޮވިޑް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުން ނިސްބަތުން 40 އިންސައްތަ އިތުރުވެފައިވެއެވެ. އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވިފައިވާ ޑެލްޓާ ވޭރިއެންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާއިރު އޭގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވަނީ ބޮޑު ނުރައްކަލެއްކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބުރިޔޭސުސް ވިދާޅުވިއެވެ.

"ދުނިޔޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް، މި ދަނޑިވަޅުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިވަނީ ނާކާމިޔާބުވެފައި"

މީގެ ކުރިން ޑަބްލިއުއެޗްއޯއިން އެދިފައިވަނީ ގައުމުތަކުން ބަލީގެ ނުރައްކާ ބޮޑު ބަޔަކަށް ވެކްސިން ފުރިހަމަކޮށް ނިމުމުން ބާކީ ހުންނަ ވެކްސިންތައް ފަގީރު ގައުމުތަކަށް ހަދިޔާކުރުމަށެވެ. ޑަބްލިއުއެޗްއޯއިން އެކަމަށް ހާއްސަ ޕްރޮގްރާމެއް ފަށާފައިވެއެވެ. ނަމަވެސް، އެ މަންޒަރު ފެންނަމުން ނުދާތީ ޑަބްލިއުއެޗްއޯއިން ވަނީ ވެކްސިން ފޯރުކޮށްދިނުމާއި ދެކޮޅު ހަދަމުންދާ ފަރާތްތަކަށް ފާޑު ވިދާޅުވެ، ގައުމުތަކުގެ މެދުގައި އޮތް ފަރަގާއި ތަފާތުކުރުން މިކަމުން ދައްކުވައިދޭކަމަށް ވިދާޅުވެފައެވެ.

ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން އިސްވެ ކުރިޔަށް ގެންދަމުންދާ ކޮވެކްސް ޕްރޮގްރާމުގެ ތެރެއިން ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 132 ގައުމަކަށް 90 މިލިއަނަށް ވުރެ ގިނަ ވެކްސިން ޑޯޒް ފޯރު ކޮށްދީފައިވެއެވެ.