ސޫދާންގެ ލެބޯޓްރީއެއްގައި ހުރި ވައިރަސްތަކެއް ހަތިޔާރު އެޅި މީހުންގެ އަތްދަށަށް ގޮސް ބޮޑު "ބައިލޮޖިކަލް ނުރައްކަލެއް" ކުރިމަތިވެއްޖެއެވެ.

އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ސޫދާންގެ ސިފައިންނާއި، ސޫދާންގެ ސިފައިންގެ ތެރޭގައި އޮންނަ ވަކި ލަޝްކަރެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސް (އާރްއެސްއެފް) އާއި ދެމެދު އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އެހަމަލާތަކުގެ ސަބަބުން ސޫދާންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މިއަދު އޭއެފްޕީ އިން ރިޕޯޓް ކުރި ގޮތުގައި ސޫދާންގެ ވެރިރަށް ޚަރުތޫމްގައި ހުންނަ ދައުލަތުގެ ލެބޯޓްރީ ވަނީ މިހާރު ހަތިޔާރު އެޅި އާރްއެސްއެފްގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެކަމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި އެ ލެބޯޓްރީގައި ވަރަށް ގިނަ ވައިރަސްތަކުގެ ސުންކު (ސާމްޕަލް) ހުންނާނެއެވެ. އޭގެތެރޭގައި ޕޯލިއޯ އާއި މީސަލްސްގެ ސުންކު ވެސް ހިމެނެއެވެ.

ޑަބްލިއުއެޗްއޯ އިން ސޫދާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ނިމާ ސައީދު އާބިދު މިއަދު ޖެނީވާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސޫދާންގެ ހާލަތުގެ ސަބަބުން ވަރަށް ބޮޑު ބައިލޮޖިކަލް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ.

ލެބްގެ ކޮންޓްރޯލް ނެގި ސިފައިންގެ ގްރޫޕްގެ ނަން ފާހަގަ ނުކޮށް ނިމާ ވިދާޅުވީ ހަތިޔާރު އެޅި މީހުން ވަނީ ލެބްގައި މަސައްކަތް ކުރާ ހުރިހާ ޓެކްނީޝަނުން އެތަނުން ނެރެފައި ކަމަށެވެ. "މުޅި ލެބް މިހާރު ވަނީ ހަތިޔާރު އެޅި މީހުންގެ ބާރުގެ ދަށުގައި." ނިމާ ވިދާޅުވިއެވެ.

އދ.އިން ބުނާ ގޮތުގައި ޑަބްލިއުއެޗްއޯ އިން ބަލަހައްޓާ 14 ސިއްހީ މަރުކަޒަކަށް ފާއިތުވި ދިހަ ދުވަސް ތެރޭގައި ހަމަލާތައް އަމާޒުވެފައި ވެއެވެ. އެހަމަލާތަކުގައި އަށް މީހަކު މަރުވެ ދެމީހަކު ވަނީ ޒަހަމް ވެފައެވެ.

ހަމަލާތަކުގެ ކުރިން ވެސް ސިއްހީ ނިޒާމް އިނދަޖެހިފައި އޮތް ސޫދާންގެ ސިއްހީ ނިޒާމްގެ ހާލަތު މިހަމަލާތަކުގެ ސަބަބުން އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.

ސޫދާންގެ ސިފައިންނާއި، ސޫދާންގެ ސިފައިންގެ ތެރޭގައި އޮންނަ ވަކި ލަޝްކަރެއް ކަމަށްވާ އާރްއެސްއެފް އާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް 72 ގަޑިއިރަށް ހުއްޓާލަން މިއަދު ވަނީ އެއްބަސްވެފައެވެ. އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަމަލާތައް ހުއްޓާލަން އެއްބަސްވި ނަމަވެސް އެއެއްބަސްވުމާއި އެއްގޮތައް އަމަލު ނުކުރެވޭ ކަމަށާއި އަދިވެސް ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް ސޫދާންގައި ތިބި ނޫސްވެރިން ބުނެއެވެ.

ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހަމަލާތަކުން ރައްކާތެރިވުމަށް ސޫދާންގެ ވަރަށް ގިނަ ބަޔަކު އަންނަނީ އަވައްޓެރި ދެކުނު ސޫދާނަށާއި ޗާޑަށް ހިޖުރަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބައިޑެން

    ތިތަން ހަމަޔަކަށް އަޅުވަންވެސް އަހަރެމެން ދާންވީދޯ

    • ޓްރަމްޕް

      ތި ބައިގަނޑު ހަމަޔަކަށް އެޅުވި ހުރިހާ ތަނެއްވެސް ވީ ގޯސް.